ޓައިޕް 1 ހަކުރުބަލީގެ ކުދީންނަށް އަމާޒުކޮށްގެން ދ.ކުޑަހުވަދޫގައި ޔޫތް ކޭމްޕްއެއް ފަށައިފިއެވެ.
ޑައިބިޓީސް އެސޯސިއޭޝަނުން "ޑައިބްމޯލްޑިވްސް ޔޫތް ކޭމްޕް 2022"ގެ ނަމުގައި ކުރިއަށްގެންދާ މި ކޭޕް މިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މިކޭޕްގައި ޖުމްލަ 21 ކުދިން ބައިވެރިވެއެވެ. އެއީ އަތޮޅުތަކުގެ 13 ރަށަކުންނާއި މާލެއިން 7 ކުދިންނެވެ. މީގެ ތެރޭގައި އުމުރުން 13 އަހަރާއި 30 އަހަރާއި ދެމެދުގެ، ހަކުރުބައްޔާއި އެކު ދިރިއުޅެމުންދާ ކުދީންނާއި ޒުވާނުން ހިމެނެއެވެ. ޑައިބިޓީސް އެސޯސިއޭޝަނުން ބުނީ މިކޭމްޕްގެ މަގްސަދަކީ ހަކުރު ބައްޔާއި އެކު ދިރިއުޅުމަށްޓަކައި ކުދީންނަށް ބޭނުންވާ މައުލޫމާތާއި ހުނަރު ދަސްކޮށްދީ ހޭލުންތެރިކުރުވުން ކަމަށެވެ. މިއީ މިގޮތުން ބޭއްވޭ 5ވަނަ ކޭމްޕްއެވެ.
މިކޭމްޕްގައި މައުލޫމާތު ފޯރުކޮށްދެވޭނެބައިތަކަކީ ހަކުރުބައްޔާއިބެހޭ މައުލޫމާތު ، ކާރބްކައުންޓީންގ އަދި ނިއުޓްރިޝަން ، ކަސްރަތާބެހޭ މައުލޫމާތާއި އަދި ކަސްރަތުކުރުން ، އެސް އެމް ބީ ޖީ ( ސެލްފް މޮނީޓަރިންގ ބްލަޑް ގުލްކޯޒް ) ، އިންސުލިން ޕަމްޕް އަދި ދިރިއުޅުމުގެ ހުނަރުތަކާއި ނަފްސާނީ ދުޅަހެޔޮކަން ފަދަ މުހިއްމުމައުލޫމާތު ހިމެނިގެންދާނެއެވެ.
މިކޭޕްގައި މައުލޫމާތު ފޯރުކޮށްދެއްވާނީ ރާއްޖޭ އާއި ބޭރުގެ ކަމާއި ބެހޭ ތަޖްރިބާ ބޭފުޅުންކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
ހަކުރު ބައްޔަކީ ހަށިގަނޑުގައި، ނުވަތަ ލޭގައި ގުލްކޯޒް ހުންނަންޖެހޭ މިންވަރަށްވުރެ އިތުރުވުމުންޖެހޭ ބައްޔެކެވެ. ހަކުރު ބަލި ޖެހެނީ ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ އިންސިއުލިން ހަށިގަނޑުގައި އުފައްދާ މިންވަރު މަދުވުމުން ނުވަތަ އެ އިންސިއުލިން މަސައްކަތް ނުކުރުމުންނެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ހަކުރުގެ މިންވަރު އިތުރުވެއެވެ.
ހަކުރު ބަލި ހުންނަ މީހަކު އާއިލާގައި ހުންނަ ނަމަ އެބަލި އާއިލާގެ އެހެން މީހުންނަށް ޖެހުމުގެ ފުރުޞަތު ބޮޑެވެ. ހަކުރު ބަލި ގިނައިން ފެންނަނީ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ނަމަވެސް ޒުވާނުންނާއި ކުޑަކުދިންނަށްވެސް މި ބަލި ޖެހުމުގެ ފުރުޞަތު އޮވެއެވެ.
ހަކުރު ބައްޔަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި މާބޮޑަށް ހަށިގަނޑު ބަރުވުން ނުވަތަ ފަލަވުންވެސް ހިމެނެއެވެ. އަދި ދިރިއުޅުމުގެ އާދަތައް ހުންނަގޮތުންވެސް މި ބައްޔަށް މަގުފަހިވެއެވެ. އެގޮތުން މާގިނައިން ކެއުމާއި، ހެލިފެލިވެ ނުއުޅުމާއި، މާގިނައިން ފިކުރުބޮޑުވެ ހާސްވެ ކަންބޮޑުވުމާއި، ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުމަކީވެސް ހަކުރު ބަލިޖެހުމަށް މަގުފަހިވާ ކަންކަމެވެ.