ޚަބަރު

ހިމާޔަތްކުރާ ސަރަހައްދުތައް އިޓަލީގެ ޔުނިވާސިޓީއަކާއެކު ދިރާސާކުރަނީ


މެދުރާއްޖެތެރޭގައި ހިމާޔަތްކޮށްފައިވާ ތަންތަނާއި މުސްތަގުބަލުގައި ހިމާޔަތްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް ދިރާސާ ކުރުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލިޖީ އާއި އިޓަލީގެ ޔުނިވާސިޓީ އޮފް މިލާނޯ ބިކޯކާއާއި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ޕޯޗްޖަލްގެ ލިސްބަންގައި ކުރިއަށްދާ ޔޫއެން އޯޝަންސް ކޮންފަރެންސްގެ ހަވާސާގައި މިިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލިޖީ އައިމިނަތު ޝައުނާއެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކާއި، އިތުރަށް ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ އިކޮލޮޖިކަލް ރިޕޯޓް އަދި ސޯޝިއޯ-އިކޮނޮމިކް އެސެސްމެންޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ދެފަރާތުން ގުޅިގެން ކުރުމެވެ. މިގޮތުން މި އެއްބަސްވުމުގެ ދަށުން މ.ފ.ދ އަދި ތ. އަތޮޅަށް އަމާޒުކޮށްގެން ހިމާޔަަތްކޮށްފައިވާ ސަރަޙައްދުތަކުގެ ދިރާސާއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތް ކުރުމަށްޓަކައި އެ ޔުނިވަރސިޓީން ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިޓަލީގެ ބިކޯކާ ޔުނިވަރސިޓީގެ މެރިން ރިސާރޗް އެންޑް ހައި އެޑިއުކޭޝަން ސެންޓަރަކީ 2018 އިން ފެށިގެން ފ.މަގޫދޫގައި ކެންޕަސްއެއް ބިނާކޮށްގެން ރާއްޖޭގެ ފަރުތަކާއި ގުޅޭ އެކި ދިރާސާތައް ކުރަމުން އަންނަ ޔުނިވާސިޓީއެކެވެ.

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019-2023 ގެ ޖަޒީރާ ދިރިއުޅުމުގެ ދަށުން، ތިމާވެށީގެ ސެކްޓަރުގައި ކޮންމެ އަތޮޅަކުން މަދުވެގެން 10 އިންސައްތަ ފަރުގެ ސަރަހައްދާއި، 20 އިންސައްތަ ކުޅިފާ ޗަސްބިން ހިމާޔަތްކުރުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާއި، 1 ފިނޮޅާއި، 1 ފަރާއި، 1 ކަނޑޫފާ ޗަސްބިން ހިމާޔަތްކުރުމަށްވެސް ކަނޑައަޅާފައިވެއެވެ.