2030ގެ ނިޔަލަށް މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގައި މަރުވާ މީހުންނާއި އަނިޔާލިބޭ މީހުންގެ އަދަދު 50 އިންސައްތައަށް މަދުކުރުމަކީ އަމާޒެއްކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އދ.ގެ ގްލޯބަލް ރޯޑް ސޭފްޓީއާ ގުޅޭ ހައިލެވަލް ބައްދަލުވުމުގައި ތަޤްރީރުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ނަހުލާ ވަނީ މަގުމަތީގެ ހާދިސާތަކާއި ގުޅިގެން ކޮންމެ އަހަރަކު 1.3 މިލިޔަން މީހުން މަރުވާކަމަށާއި އަދި 50 މިލިޔަން މީހުންނަށް އެކިވަރުގެ އަނިޔާތައްވާކަން ފާހަގަކުރައްވާފައެވެ.
މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކަކީ ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވަނީ މި ފަދަ އެކްސިޑެންޓްތަކުގެ ސަބަބުން ޢާއިލާތަކަށާއި ވަކި ވަކި ފަރުދުންގެ އިތުރަށް ޤައުމަށްވެސް އޭގެ އަސަރުކުރާކަން ފާހަގަކުރައްވާފައެވެ. މިގޮތުން ޅަ އުމުރުގައާއި ޒުވާން އުމުރުގައި ކުދިން މަރުވާން ދިމާވާ އެއް ސަބަބަކީ މިފަދަ އެކްސިޑެންޓްތަކުގެ ސަބަބުން ލިބޭ އަނިޔާތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފަދަ ހާދިސާތަކުގައި އާޢްމުގޮތެއްގައި މަރުވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންކަމަށާއި މިކަން މިގޮތަށް ދިމާވަނީ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމާއި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ އިތުރަށް ދުއްވުމުގެ ސަބަބުންކަމަށް އެކަމަނާ ވިދާޅުވިއެވެ.
Honoured to participate in the HLM on Improving Global #RoadSafety convened by @UN_PGA @abdulla_shahid.
— Aishath Nahula (@aishath_nahula) June 30, 2022
Conveyed strong support of #Maldives towards Global Plan for Decade of Action for Road Safety, generating political will and momentum to make our roads safer. pic.twitter.com/Ja0KbH6ezz
މަގުމަތީގެ އެކްސިޑެންޓައްތައް މަދުކޮށް، މަގުމައްޗަކީ އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް ޤަވައިދާ އެއްގޮތަށް ފަރުވާތެރިކަމާއެކު ދުއްވުމުގެ އިތުރަށް ކަނޑައެޅިފައި ސްޕީޑަށް ދުއްވުމުގެ މުޙިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކޮށް އަނިޔާލިބޭ މީހުންނާއި މަރުވާ މީހުންގެގެ އަދަދުތައް މަދުކުރުމުގައި އެކި ދާއިރާތަކުގެ އެއްބާރުލުން ބޭނުންވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލާއެކު އޭގެ ނޭދެވޭ އަސަރުތައް ކުރަނީ ރާއްޖެފަދަ ކުދި ޤައުމުތަކަށްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ޖައްވަށްދޫކުރާ ވިހަ ގޭސްތައް މަދުކޮށް ފައިމަގުގައި އުޅުމަށް އިސްކަންދޭން ޖެހިފައިވާކަމަށެވެ. މިނިސްޓަރ ވަނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤައުމުތަކުން ކުރާ މަސައްކަތްތަކަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަން ފާހަގަކުރައްވަފާއެވެ.