ދުނިޔޭގެ ވިޔަފާރި

އޭޝިއާގެ އުފެއްދުންތެރިކަން ދަށްވެ ގްލޯބަލް ރިސެޝަނަކަށް ހިނގައިދާނެކަމުގެ ބިރު ބޮޑުވެއްޖެ


ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާގައި އޮތް ފުރަންބަންދާ ހެދި ތަކެތި ފޯރުކޮށްދިނުމަށް ދަތިވެ އޭޝިއާގެ އުފެއްދުންތެރިކަން ދަށަށް ހިނގައްޖެއެވެ.

އޭޝިއާގެ އުފެއްދުންތެރިކަން ދަށްވެފައިވާއިރު ޔޫރަޕާއި އެމެރިކާގެ އިޤްޠިޞާދީ ދުވެލިވެސް މަޑުޖެހި ގްލޯބަލް ރިސެޝަނަކަށް ހިނގައިދާނެކަމުގެ ބިރުވަނީ ބޮޑުވެފައެވެ.

ދާދިފަހުން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި މިދިޔަ ޖޫން މަހު ޗައިނާގެ އުފެއްދުންތެރިކަން ވަނީ މަޑުމަޑުން ކުރިއަރާފައެވެ. ނަމަވެސް ޖަޕާނާއި ދެކުނު ކޮރެއާގެ އުފެއްދުންތެރިކަން ވަނީ ދަށްވެފައެވެ. މީގެއިތުރުން ތައިވާނުގެ އުފެއްދުންތެރިކަންވެސް ދަށްވެ ތައިވާންވެސް ވަނީ މި ލިސްޓަށް އަރާފައެވެ. މި ޤައުމުތަކުގައި އުފެއްދުންތެރިކަން ދަށްވާން ދިމާވި މައިގަނޑު ސަބަބުތަކަކީ ރޯ މެޓީރިއަލްސް އާއި އެނޫންވެސް ތަކެތި ލިބުން ދަތިވެ ތަކެތީގެ އަގުތައް އުފުލުމެވެ.

ކޯވިޑުގެ ސަބަބުން ޗައިނާގައި އަޅާފައިވާ ފިޔަވަޅުތައް އުވާލުމާއެކު ޖޫން މަހު ޗައިނާގެ އުފެއްދުންތެރިކަން ވަނީ އިތުރުވެފައެވެ. އަދި މިއީ ވޭތުވެދިޔަ 13 މަސްދުވަހުގެ ތެރޭގައިވެސް ޗައިނާގެ އުފެއްދުންތެރިކަން އެންމެ ބޮޑަށް އިތުރުވި މަހެވެ.

ޗައިނާއިން ފިޔަވަޅުތައް އުވާލުމުން ތަކެތި ލިބުން ފަސޭހަވެ އުފެއްދުންތައް ފަށައިގަނެވުނު ނަމަވެސް އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް އެމެރިކާއިން ނަގާ އިންޓްރެސްޓު ރޭޓު މަތިވުމުން ގްލޯބަލް ޑިމާންޑު ދަށްވެ ރިސެޝަނަކަށް ހިނގައިދާނެކަމަށް އިގްތިޞާދީ ބައެއް މާހިރުން ދެކެއެވެ.

ތަކެތީގެ އަގު އުފުލުމާއި ގުޅިގެން އިގްތިޞާދީ ގޮތުން ބައެއް ޤައުމުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ސަބަބުންވެސް ގްލޯބަލް ރިސެޝަންގެ ބިރު ބޮޑުވެފައިވާ ކަމަށް މާހިރުން ބުނެއެވެ.