ޚަބަރު

ރާއްޖެއިން ފުރި ހައްޖުވެރިންގެ އެންމެފަހު ގްރޫޕާއި ރައީސް ބައްދަލުކުރައްވައިފި


މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި އަލްވަދާޢު ވިދާޅުވެއްޖެއެވެ.

ޙައްޖުގެ އަޅުކަމަށް މިރޭ ފުރާ 115 ޙައްޖާޖީންނާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންގެ ޙާލު ބައްލަވައިލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޙައްޖާޖީންގެ ކަންކަން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެކަން ފާހަގަކުރައްވައި ހުރިހާ ޙައްޖުވެރިންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގަންނަވާފައެވެ.

ޙައްޖާޖީންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއިރު އެމަނިކުފާނު އަރިހުގައި، މި އަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއިން މިއަހަރު 453 މީހަކު ހައްޖަށްދާއިރު، ފުރަތަމަ ގްރޫޕްގައި 156 މީހަކު ފުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަދި ދެ ވަނަ ގްރޫޕްގައި 175 މީހަކު ވަނީ ބުދަދުވަހު ފުރާފައެވެ. މިރޭ ހައްޖަށް ދާ 115 މީހުން ފުރާފައިވަނީ 11:30 ހާއިރުގައެވެ.

ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާގުޅޭ މުއައްސަސާތަކާއެކު، ހަމަޖައްސާފައިވާއިރު މިރޭވެސް ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ބަސްޕޮއިންޓްތަކުން ޙައްޖުވެރިންނަށް އެހީތެރިވެދިނެވެ.

ޙައްޖުވެރިންނާއިއެކު ބަސްތައް ދަތުރުކުރަމުންދާއިރު މި ބަސްތަކަށް ދަތިނުވާނެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޓްރެފިކް ބަލަހައްޓާފައިވެއެވެ.

މައްކާގައި ޤާއިމްކޮށްފައިވާ ރާއްޖޭގެ ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވާގޮތުގައި މިހާތަނަށް ހައްޖަށް ގޮސްތިބި މީޙުންގެ ހާލު ރަނގަޅުކަމަށެވެ. މިއަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 8 ވަނަ ދުވަހެވެ.