ޚަބަރު

ޕީއެސްއައިޕީ މަޝްރޫއުތަކަށް މިހާތަނަށް 2.8 ބިލިއަން ރުފިޔާ


ދައުލަތުގެ ބަޖެޓުން ޕީއެސް.އައި.ޕީގެ އެކި މަޝްރޫއުތަކަށް ނުވަތަ ޢާއްމު ރައްޔިތުންނާ ސީދާ ގުޅުންހުރި ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް މިހާތަނަށް 2.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ ޙަރަދުތަކާއި އާމްދަނީގެ ތަފްސީލް ހާމަކުރުމަށް ނެރޭ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާގޮތުން މިއަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޕީއެސްއައިޕީ މަޝްރޫޢުތަކަށް 2.8 ބިލިއަން ރުފިޔާ ވަނީ ޙަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ހޭދަކުރި މިންވަރު ކަމުގައިވާ 1.6 ބިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، 74 އިންސައްތަ އިތުރު އަދަދެކެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓު ޕްރޮގްރާމް، ޕީއެސްއައިޕީއަށް ކުރާ ޙަރަދުތައް ބަހާލެވިފައިވަނީ މައިގަނޑު 12 ދާއިރާއަކަށެވެ. މީގެތެރެއިން އެންމެ ގިނައިން ޚަރަދުވެފައިވަނީ ދަތުރުފަތުރުކުރުމުގެ ދާއިރާގެ ދާއިރާގެ މަޝްރޫއުތަކަކާއި، ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުތަކުގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫޢުތަކަށްކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
އެގޮތުން ދަތުރުފަތުރުގެ ޙިދުމަތްތަކަށް ބަޖެޓުން 739.8 މިލިއަން ރުފިޔާ ވަނީ މިހާތަނަށް ޙަރަދުކޮށްފައެވެ.

މީގެތެރޭގައި ހިމެނެނީ :

- ބަނދަރު ހެނދުމަށް - 418 މިލިއަން ރުފިޔާ
-ބްރިޖުތައް ހެދުމަށް – 283.7 މިލިއަން ރުފިޔާ
-އެއަރޕޯޓުތައް ތަރައްޤީކުރުމަށް – 37.2 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުތަކަށް ބަޖެޓުންވަނީ މިހާތަނަށް 511.8 މިލިއަން ރުފިޔާވަނީ ޙަރަދުކޮށްފައެވެ. އަދި ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫޢުތަކަށް ބަޖެޓުންވަނީ 374.5 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވެއެވެ.

ޕީއެސްއައިޕީ ބަޖެޓުން ދެން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ތިމާވެށި ހމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށެވެ.

-ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތަކަށް – 118.9 މިލިއަން ރުފިޔާ
-ގޮނޑުދޮށް ހިމާޔަތްކުރުމަށް – 168.9 މިލިއަން ރުފިޔާ
-ފެން ހިންދުމުގެ ނިޒާމްތައް ޤާއިމްކުރުމަށް – 8.8 މިލިއން ރުފިޔާ
-އިއާދަކުރަނިވި ހަކަަތައިގެ މަޝްރޫޢުތަކަށް – 59.2 މިލިއަން ރުފިޔާ

ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ޖުމްލަ 6.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މިހާތަނަށް 2.8 ބިލިއަން ރުފިޔާ ޙަރަދުކޮށްފައިވާއިރު، އެ މަޝްރޫއުތަކަށް ހަރަދުކުރުމަށް ބަޖެޓްގައި ބާކީ 3.5 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

ކޯވިޑާއި ގުޅިގެން ފާއިތުވީ 2 އަހަރު ދުވަހު ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކުގެ ދުވެލި މަޑުވިއެވެ. އެހެން ނަމަވެސް ކޯވިޑުން އަރައިގަނެވި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިހާރު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.