ދުނިޔޭގެ ވިޔަފާރި

އިޤްޠިޞާދު ރަނގަޅުކުރުމަށް ގާނާއިން އައިއެމްއެފްގެ އެހީއަށް އެދެނީ


ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަޑިއަޅާލާފައިވާ ގާނާގެ އިޤްޠިސާދު ރަނގަޅުކުރުމަށް އެޤައުމުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އެހީއަށް އެދިއްޖެއެވެ.

ހުޅަނގު އެފްރިކާގެ އެންމެ ބޮޑު އިޤްޠިޞާދު އޮންނަ ގާނާއިން އައިއެމްއެފްގެ އެހީއަށް އެދުނީ އިޤްޠިޞާދީ ދުވެލި މަޑުޖެހި މަގުތަކަށް އާންމުން ނިކުމެ ހަޅުތާލުކުރަން ފެށުމުންނެވެ.

އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ އާއި ގާނާގެ ރައީސް އަފުކޯ ފޯނުން ގުޅުއްވައި އެހީއާއިމެދު މަޝްވަރާކުރި ފަހުން ގާނާގެ ޤާނޫނު ހަދާ މަޖިލީހުންވެސް ވަނީ އައިއެމްއެފްއިން އެހީ ހޯދުމަށް ތާއީދުކޮށްފައެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ރަން އުފައްދާ ގާނާއިން މިއަދާ ހަމައަށްވެސް އިޤްޠިޞާދު ރަނގަޅު ކުރުމަށް އައިއެމްއެފްގެ އެހީއަކަށް ނޭދެއެވެ. މިކަމާއިގުޅިގެން އައިއެމްއެފްއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އައިއެމްއެފްގެ މިއެހީގެ ސަބަބުން ގާނާއަށް ދިމާވެފައިވާ އިޤްޠިޞާދީ ގޮންޖެހުންތަކަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބޭނެ ކަމަށް މާހިރުން ބުނެއެވެ. ތަކެތީގެ އަގު އުފުލި އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން ގާނާގެ އާންމުން ވަނީ މަގުތަކަށް ނިކުމެ ހަޅުތާލުކޮށްފައެވެ.