ޚަބަރު

އެކްސިޑެންޓުގައި ޒަހަމްވި 3 މީހަކު ވެންޓިލޭޓަރުގައި، އެކަކު އައިސީޔޫގައި


ބޮޑުތަކުރުފާނު މަގުން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލްނުވެގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި މީހުންގެ ތެރެއިން މިވަގުތު ފަރުވާ ހޯދަމުންދާ 4 މީހުންގެ ތެރެއިން 3 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާއިރު، އެކަކަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށް އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

މާލޭގެ އެކުވެނި ޓްރެކް ސަރަހައްދާއި ކައިރިން ބޮޑުތަކުރުފާނު މަގުން މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެ އިރުއޮއްސެނިކޮށެވެ. މިހާދިސާގައި ފަރުވާދެމުން ދަނިކޮށް މާގިނަ އިރުތަކެއް ނުވަނީސް އަންހެނަކު ވަނީ ނިޔާވެފައެވެ. ިމިހާދިސާގައި ނިޔާވީ ގއ.މާމެންދޫ އުމުރުން 22 އަހަރުގެ މަރިޔަމް އަމާނީ ރަޝީދުއެވެ.

މިހާދިސާގައި އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދަނީ 4 މީހަކަށެވެ. އެތިން މީހުންގެ ހާލުވެސް ސީރިއަށްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހަތަރު މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. އަދި އެކަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ.

މި އެކްސިޑެންޓުގައި ކޮންޓްރޯލްނުވެގެން އެކްސިޑެންޓްވެފައި ވަނީ ޕްރައިވެޓް ކާރެކެވެ. އެ ކާރު އެއްކޮށް ފުނޑުފުނޑުވެފައިވާއިރު، ބަހުގެ ކުރީކޮޅުވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ފުލުހުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓު ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުން އެކުވެނި ކައިރިން ދުއްވާފައި ދިޔަ ކާރެއް އެމަގުން ދުއްވާފައި ދިޔަ އެހެން ކާރެއްގައި ޖެހި، ކޮންޓްރޯލް ނުވެ ގޮސް، އެމަގުން ދުއްވާފައި ދިޔަ ބަހުގައި ޖެހިގެނެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުޤީޤްކުރަމުންދާކަމަށެވެ.