ޚަބަރު

ފުރަތަމަ 6 މަސްދުވަހު 428 ޤާނޫނީ ލަފާ


މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 428 ކަމަކާ ގުޅޭގޮތުން ޤާނޫނީ ލަފާ ދީފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ އެކި މުއައްސަސާތަކުން 471 ޤާނޫނީ ލަފައަކަށް އެދި ބަންޑާރަ ނާއިބުގެ އޮފީހަށް ހުށަހަޅާއިފައިވެއެވެ. އަދި އޭގެ ތެރެއިން 428 ކަމަކާއި ގުޅޭގޮތުން ޤާނޫނީ ލަފާދީފައިވެއެވެ.

އޭގެތެރޭގައި އެންމެ ގިނައިން ހިމެނެނީ އެއްބަސްވުންތަކާ ގުޅޭގޮތުން ދީފައިވާ ޤާނޫނީ ލަފައެވެ. އެގޮތުން 122 ލަފައެއް އެއްބަސްވުންތަކާއި ގުޅޭގޮތުން ދީފައިވެއެވެ. ލަފާ ދިން އެހެން ކަންކަމުގެ ތެރޭގައި ޤަވައިދުތަކާއި ގުޅޭގޮތުން 81 ޤާނޫނީ ލަފައެއް، އުޞޫލުތަކާއި ގުޅޭގޮތުން 26 ލަފައެއް، މުޢާހަދާތަކާ ގުޅޭގޮތުން 5 ލަފައެއް، ބިލު ތަސްދީޤްކުރުމާއި ގުޅޭގޮތުން 7 ލަފައެއް އަދި އެހެނިހެން ކަންކަމާއި ގުޅޭގޮތުން 187 ލަފައެއް ދީފައިވެއެވެ.

އެޓަރނީ ޖެނަރަލްގެ މަޤާމާ އިބްރާހީމް ރިފްއަތު ޙަވާލުވެވަޑައިގެންނެވިފަހުން، އެމަނިކުފާނު ގެންދަވަނީ އެ އޮފީހުން ދެއްވަމުންދާ ޤާނޫނީ ލަފާތަކާއި ދައުވާކުރާ މައްސަލަތަކާއި ދައުވާ ލިބޭ މައްސަލަތަކުގެ ތަފާސް ހިސާބު އާންމު ކުރައްވަމުންނެވެ. އަދި ޢާންމު މަސްލަހަތާ ގުޅުންހުރި ބޮޑެތި މައްސަލަތަކުގައި ވެސް އެޓަރނީ ޖެނަރަލްގެ އޮފީހުން ގެންދަވަނީ ތަފްސީލުކޮށް، އެ މަޢުލޫމާތު އާންމުކުރައްވަމުންނެވެ.