ޚަބަރު

ޔަޢުޤޫބު: ޢިލްމު ފަތުރައި ދެމުންވެސް ޙައްޖުވެރިންގެ އެހީތެރިއެއް


ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ޙައްޖުވެރިންގެ އިންތިޒާމްތައް ހަމަޖެއްސުމާއި ޙައްޖާޖީންނަށް އެހީތެރިވުމުގެ މަސައްކަތަކީ އިއްޔެއަކު ފެށި މަސައްކަތެއް ނޫންނެވެ. ރާއްޖެއިން ޙައްޖަށް މީހުން ދާން ފެށި ހިސާބުންވެސް ޙައްޖުވެރިންގެ އެހީތެރިންގެ ގޮތުގައި އެކި މީހުން ޙައްޖަށްދެއެވެ.

އެއީ ކައްކާއެއް ކަމުގައިވިޔަސް، ޢަރަބި ބަސް ދަންނަ މީހަކަށް ވިޔަސް އަދި ޝެއިޚެއްކަމުގައި ވީނަމަވެސް ކޮންމެ އަހަރަކުވެސް ދިވެހި ޙައްޖުވެރިންގެ އެހީތެރިއެއްގެ ގޮތުގައި އެކި މީހުން ދެއެވެ. އެކި ކުންފުނިތަކުންނެވެ. ބައެއް އެހީތެރިންނަކީ ޤަވާއިދުން ކޮންމެ އަހަރެއްގައިވެސް ޙައްޖުވެރިންގެ އެހީތެރިއެއްގެ ގޮތުގައި ދާ މީހުންނެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ވަރަށް ޒުވާން އުމުރުން ފެށިގެން މުޅި އުމުރު އެކަމަށްޓަކައި ހުސްކުރާ މީހުންވެސްމެއެވެ.

މިފަދަ އެކަކަކީ މިހާރުވެސް ރާއްޖޭގެ ތަޢުލީމީ މަންޙަޖުގެ މަސައްކަތް، ޚާއްސަގޮތެއްގައި އިސްލާމާއި ޤުރުއާން މާއްދާގެ ފޮތްތައް ބެލުމުގައި ހަރަކާތްތެރިވާ ޔަޢުޤޫބް ޙުސައިން ޔޫސުފްއެވެ. ޔަޤުޢޫބް އެންމެ ފުރަތަމަ ފަރުޟް ޙައްޖު އަދާކުރީ ކިޔަވަން އުޅުނު ދުވަސްވަރުއެވެ.

އެހިސާބުން ފެށިގެން ޔަޢުޤޫބަށްވަނީ އެ މާތް ބިމުގައި ޙައްޖުވުމަށް ގޮސްއުޅޭ މީހުން އުޅޭ މަންޒަރުތަކާއި ޙައްޖާ ގުޅޭ މަޢުލޫމާތުތައް ލިބިފައެވެ. ޔައުޤޫބަކީ އޭރު އެންމެ ގިނަ މީހުން ޙައްޖަށް ގެންދިޔަ އެއް ގްރޫޕުކަމަށްވާ އަތަމާ ގުރޫޕުން ޙައްޖަށްދާ ޙައްޖުވެރިންނަށް އެހީތެރިވުމަށް ގޮސް އުޅުނު މީހެކެވެ. އޭރުވެސް ޔައުޤޫބު އެކަން ކުރީ ވަރަށް ކުރާހިތުންނެވެ.

ޔަޢުޤޫބުގެ މަސައްކަތް 1990ގެ އަހަރުން ފެށިގެން

ޔަޢުޤޫބުވަނީ ޕާކިސްތާން، ސަޢުދީ އަރަބިއްޔާ، ޓިއުނީޝިޔާއިން ދީނީ ދާއިރާއިން ތަޢުލީމް ހާސިލްކޮށްފައެވެ. އެގޮތުން ކިޔަވައިދިނުމުގެ ރޮނގުން ސަޢުދީ އަރަބިއްޔާއިންވަނީ ޑިގްރީ ހާސިލްކޮށްފައެވެ. އަދި ޤުރުއާނުގެ އިލްމުން މާސްޓަރސް ހާސިލް ކުރުމުގެ އިތުރުން ޔަޢުޤޫބުވަނީ ޤާނޫނީ ދާއިރާއިންވެސް ތަޢުލީމް ހާސިލްކޮށްފައެވެ.

ސަޢުދީ އަރަބިއްޔާއިން ޓީޗިންއިން ޑިޕްލޮމާ ހެދުމަށްފަހު ޔަޢުޤޫބު އެންމެ ފުރަތަމަ މަސައްކަތް ފެށީ އަމީނިއްޔާ ސްކޫލްގެ ޢަރަބި މުދައްރިސެއްގެ ގޮތުގައެވެ. އެ ސްކޫލްގައި 7 އަހަރުދުވަސް ވަންދެން މަސައްކަތް ކުރުމަށްފަހު ރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒު، މިހާރުގެ ނަމުންނަމަ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގައި ކަރިކިއުލަމްގެ މަސައްކަތާ ގުޅުނެވެ.

އެގޮތުން ޔަޢުޤޫބަކީ ސްކޫލު ދަރިވަރުން މިހާރު ކިޔަވަން ގެންގުޅޭ އިސްލާމާއި ޤުރުއާން މާއްދާގެ ފޮތްތަކުގެ މަސައްކަތް ބަލަހައްޓަމުންދާ އެކަކެވެ. ތަޢުލީމީ ދާއިރާގައި ޔަޢުޤޫބު މަސައްކަތް ކުރާތާ މިހާރުމިވަނީ 32އަހަރުވެފައެވެ.

ދިވެހި ޙައްޖުވެރިންގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޔަޢުޤޫބަށް އެންމެ ފުރަތަމަ ފުރުޞަތު ލިބުނީ ރަޙްމަތްތެރިއެއްގެ ފަރާތުންނެވެ. އެއީ ޔަޢުޤޫބު އަމީނިއްޔާ ސްކޫލްގައި މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު، 1990 ގެ އަހަރުގެ ތެރޭގައެވެ. އެ ފުރުޞަތު ލިބުނީ އަމިއްލަ ޖަމާޢަތެއްކަމަށްވާ އަތަމާ ގުރޫޕުންނެވެ.

އަތަމާ ގުރޫޕާއެކު އެހީތެރިއެއްގެ ގޮތުގައި ހައްޖަށް ދާން ފެށިގޮތް ހިއްސާ ކުރަމުން ޔަޢުޤޫބު ބުނީ އެންމެ ފުރަތަމަ މަޢުލޫމާތު ލިބުނީ އަތަމާ ގުރޫޕަށް ޢަރަބި ބަސް ދަންނަ މީހަކު ބޭނުންވެގެން އުޅޭ ކަމުގެ ވާހަކަ ކަމަށެވެ. އޭރު އެގުރޫޕުގައި ވަރަށް ގާތް ރަހްމަތްތެރިއަކު އެހީތެރިއެއްގެ ގޮތުގައި އުޅޭ ކަމަށާއި، އޭނާގެ ހުށައެޅުމާއެކު އަނެއްކާވެސް ޙައްޖަށް ދާން ބޭނުންވީކަމަށް ޔަޢުޤޫބު ހާމަކުރިއެވެ.

އެހިސާބުން ފެށިގެން ކޮންމެ އަހަރަކުވެސް އަތަމާ ގުރޫޕުން ޢަރަބި ބަސް ދަންނަ މީހެއްގެ ގޮތުގައި ޔަޢުޤޫބް ހައްޖުވެރިންނާއެކު ދެއެވެ. އަތަމާ ގުރޫޕުން ލިބުނު ފުރުޞަތުގެ ބޭނުން ހިފުމުގެ ނަތީޖާއަކަށްވީ އަމިއްލައަށްވެސް ޙައްޖުވެރިން ގޮވައިގެން ވަކިން ޙައްޖަށް ދެވޭ ފެންވަރުގެ މީހަކަށް ޔަޢުޤޫބުވުމެވެ. އެގޮތުން ޔަޢުޤޫބުވަނީ އަތަމާ ގުރޫޕާ ވަކިން 2 ފަހަރެއްގެ މަތިން ޙައްޖުވެރިން ގޮވައިގެން ޙައްޖަށް ގޮސްފައެވެ. އެހެންނަމަވެސް އަތަމާ ގްރޫޕުގެ އެދުމުގެ މަތިން 2008 ވަނަ އަހަރު އަނެއްކާވެސް ދެވަނަ ފަހަރަށް ޔަޢުޤޫބުވަނީ އެގުރޫޕްގެ މީހުންނާއެކު ޙައްޖަށް ގޮސްފައެވެ.

ފަހަކަށް އައިސް އަތަމާގެ އިތުރުންވެސް ޙައްޖަށް ގެންދާނެ އިތުރު ގުރޫޕްތައް ރާއްޖޭގައިވެސް އުފެދުނެވެ. އެއާއެކު އަތަމާ ގުރޫޕްގެ ހަވާލުގައި ޙައްޖަށް ދާ މީހުންގެ އަދަދު މަދުވާން ފެށިއެވެ. އަދި އަތަމާ ގްރޫޕު ދެބައިވެ އުފެދުނު މަލީޝާ ޙައްޖު ގުރޫޕުގެ އެހީތެރިއެއްގެ ގޮތުގައާއި ޝައިޚެއްގެ ގޮތުގައި 2 އަހަރު ޔަޢުޤޫބުވަނީ ޙައްޖަށް ގޮސްފައެވެ.

ލިބިފައި ހުރި ތަޖުރިބާއާއި މިކަމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ޔަޢުޤޫބާއި ގާތްއެކުވެރިއެއް ވެގެން "ހަރަމައިން"ގެ ނަމުގައި ގުރޫޕެއް އުފައްދާ އެ ގުރޫޕުން މީހުން ޙައްޖަށް ގެންދަން ފެށިއެވެ. އެގޮތުން ކޯވިޑްއާ ހަމަޔަށްވެސް އެ ގުރޫޕުން މީހުން ޙައްޖަށް ގެންގޮސް ޔަޤޫބުގެ އެހީތެރިކަން ވަނީ ޙައްޖުވެރިންނަށް ފޯރުކޮށްދީފައެވެ.

ރާއްޖެއިން ހައްޖަށް ދާ މީހުންގެ އެހީތެރިއެއްގެ ގޮތުގައި ޔަޢުޤޫބް ޙައްޖަށް ދާން ފެށީ ވަރަށް ޒުވާން އުމުރުގައެވެ. އެއީ ޔަޢުޤޫބުގެ އުމުރުން 25 އަހަރުގައެވެ. މިހާރު 60 އަހަރާ ގާތްވެފައި ހުރި ޔަޢުޤޫބު، އެމަސައްކަތް ކުރަނީ އެއްވެސް ފޫހިކަމެއް ނެތި ވަރަށް ކުރާ ހިތުން ކަމަށް ޔަޢުޤޫބު ހާމަކުރިއެވެ.

އެގޮތުން މިމަސައްކަތުގައި ހަރަކާތްތެރިވާން ފެށީ ޅައުމުރުގައި އެންމެ ވަރު ހުރި ދުވަސްވަރަށްވުމުން ޙައްޖަށް ގޮސް އުޅުމުގެ ތެރޭގައި ގެއްލޭ ދިވެހިން ހޯދުމުގައިވެސް ޔަޢުޤޫބު ޢަމަލީގޮތުން ބައިވެރިވެއެވެ. އަދި ޙައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން ޔަޢުޤޫބުވަނީ ހައްޖުވެރިންގެ ފޮށިތައްވެސް އުފުލާދީފައެވެ.

އެހީތެރިއެއްގެގޮތުގައި ހުއްޓާ، ބޮޑުބޭބެގެ ޙާލު ދެރަވުން

ކޮންމެ ޙައްޖުވެރިއަކަށްވެސް އަރަފާތު ބިމަށް އެރުމަކީ އެހާމެ މުހިއްމު އަދި އެހާމެ ޚާއްސަކަމެކެވެ. އެހީ ޙައްޖުގެ އެންމެ މުހިއްމު އެއް ރުކުނަށް ވާތީއެވެ. ޙައްޖުދުވަހުގެ އިރު އޮއްސުމުގެ ކުރިން އަރަފާތު ބިމަށް ނުދެވިއްޖެނަމަ އެމީހަކަށް ޙައްޖެއް ނުލިބޭނެއެވެ. އެހެންކަމުން ޙައްޖުވެރިން އެދުވަހު އަރަފާތު ބިމަށް ގެންދިޔުމުގެ ބޮޑު ޒިންމާ އެޅިފައިވަނީ އެހީތެރިންގެ ބޮލުގައެވެ.

އަރަފާތުބިން ދޫކޮށް އެނބުރި މިނާއަށް ދާ ދަތުރަކީ ދިގު ދަތުރެކެވެ. މިދަތުރަކީ އެތައް ބައިވަރު ޙައްޖުވެރިންނާއި އެތައް ބަސްތަކަކާއެކު ކުރާ އުނދަގޫ ދަތުރެކެވެ. ކެތްތެރިވާންޖެހޭ ވަރަށްވެސް ބުރަ ދަތުރެކެވެ. 1990 ގެ އަހަރަތުތަކުން ފެށިގެންވެސް މި ދަތުރަކީ ދިގު ބުރަ ދަތުރެއްކަން ޔަޢުޤޫބު ފާހަގަކުރިއެވެ. މިދަތުރުމަތީގައި ބައެއް ޙައްޖުވެރިންގެ ހާލު ދެރަވެސްވިއެވެ.

މަންމާއި ބޮޑުބޭބެ ގޮވައިގެން ޙައްޖަށް ދިޔަ ފަހަރަކީ އެހެން ދަތުރުތަކާ ޚިލާފަށް އަދިވެސް ހަނދާނުން ފޮހެލަން ދަތި ދަތުރެއްކަން ޔަޢުޤޫބު ފާހަގަކުރިއެވެ. އެދަތުރުގައި އެހީތެރިއެއްގެގޮތުގައި ހުއްޓާ ބޮޑުބޭބެގެ ޙާލު ދެރަވި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ޔަޢުޤޫބުވަނީ ހިއްސާކޮށްފައެވެ. އެދަތުރުގައި އަރަފާތުން ފުރައިގެން މިނާއަށް އިރުއޮއްސެނިކޮށް ފުރި މީހުންނަށް އާދެވުނީ އޭގެ އަނެއްދުވަހު ހެނދުނު 10 ޖެހި އިރުއެވެ. އެދުވަހު މިނާއަށް އާދެވުނު އިރު ބޮޑުބޭބެގެ ގައިގަ އެއްވެސް ވަރެއް ނެތެވެ. އެއީ އެއްޗެއް ކައ ބޮއި ހަދައިފިނަމަ ފާޚާނާ ކުރާނެ ތަނެއް އަރަފާތު ބިމުގައި ނުހުންނާނެ ކަމަށް ބަޔަކު ބުނި ބުނުމަކަށް އެގަދަ ހޫނުގައި ނުކައި ނުބޮއި ހުރުމުގެ ސަބަބުންނެވެ.

އަރަފާތުގެ ދަތުރަކީ ފައިމަގުގައި ހިނގާއިރުވެސް އެތައް ގަޑިއިރަކުން މިނާއަށް އާދެވޭ ދަތުރެކެވެ. އެއީ ގިނަ މީހުންގެ ހިތްހަމަ ނުޖެހުމުގެ ބަސްތައް އަޑު އަހަންވެސް ޖެހޭ ދަތުރެކެވެ. ނަމަވެސް ކެތްތެރިކަމާއެކު މިކަމުގައި ޔަޢުޤޫބު ސާބިތުވެ މަސައްކަތް ފުރިހަމަކުރެއެވެ.

ޔައުޤޫބް ފާހަގަކުރި ގޮތުގައި މިހާރު ޙައްޖު ދަތުރަކީ ކުރިއަށްވުރެ އެތައްގޮތަކުން މާ ފަސޭހަ ދަތުރެކެވެ. ކުރިން އަރަފާތު ބިމުގައި މަޑުކޮށްގެން ތިބޭ ފޭލިގެތަކުގައިވެސް އެއްވެސް ފިނަކަމެއް ނުހުރެއެވެ. ނަމަވެސް މިހާރު އެ ފޭލިގެތަކަކީވެސް ޒަމާނާ އެއްގޮތަށް ފިނިކޮށްފައި ހުންނަ ތަންތަންކަން ޔަޢުޤޫބު ފާހަގަކުރިއެވެ. އަދި މީހަކު ކުރިން ނަމަ ގެއްލޭ މީހުން ހޯދަންވެސް އެތައްއިރަކު ދުއްވަން ޖެހޭކަން ޔަޢުޤޫބު ފާހަގަކުރިއެވެ.

ކުރިން މީހަކު ނިޔާވެއްޖެނަމަ ކަށުނަމާދުކުރުމަށް ޙަރަމަށް ގެންދިޔުމަކީވެސް އުނދަގޫކަމެއްކަމަށާއި އޭރު ކަށުނަމާދަށް ގެންދަން ޖެހެނީ ކޮންވެސް އެހެން މިސްކިތަކަށެވެ. ނަމަވެސް މިހާރު އެކަން ބަދަލުވެ، ނިޔާވާ މީހާ ޙަރަމަށް ގެންގޮސް ފަސޭހައިން، އެތައް މިލިއަން މީހުންނާއެކު ކަށުނަމާދު ކުރެވޭކަން ޔަޢުޤޫބް ފާހަގަކުރިއެވެ.

ޔަޢުޤޫބްގެ އިލްތިމާސަކީ ޙައްޖަށް ފުރާއިރު ކަންބޮޑުނުވުމެވެ. މިއީ ދިގު ދަތުރެއްނަމަވެސް ކެތް ތެރިވުމަށާއި، ކަނޑައެޅިފައިވާ ގޮތައް އަދި އެހީތެރިން އަންގާ ގޮތަށް ޢަމަލުކުރުމަށްވެސް ޔަޢުޤޫބުވަނީ އިލްތިމާސްކޮށްފައެވެ.