ދުނިޔޭގެ ވިޔަފާރި

އިންފްލޭޝަން މަތިވުމުން އެތައް މިލިއަން ބަޔަކު ފަޤިރުކަމާއި ކުރިމަތިލާން ޖެހިފައި


ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އިންފްލޭޝަން މަތިވެ 71 މިލިއަން މީހުން ފަޤީރުކަމާއި ކުރިމަތިލާން ޖެހިފައިވާކަމަށް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ބުނެފިއެވެ.

ޔޫއެންޑީޕީން މިކަން އާންމުކޮށްފައިވަނީ ބުރާސްފަތިދުވަހު އާއްމު ކުރި ރިޕޯޓެއްގައެވެ.

ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ ރިޕޯޓުގައި ބުނާގޮތުން ތަރައްޤީވަމުން އަންނަ 159 ޤައުމެއްގެ އިޤްޠިޞާދީ ހާލަތު ދިރާސާ ކުރިއިރު ތަކެތީގެ އަގު އުފުލުމުގެ ސަބަބުން އެފްރިކާގެ ސަރަޙައްދުތަކާއި، ބަލްކަން އަދި އޭޝިއާގެ ޤައުމުތަކަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށިތާ ފުރަތަމަ ތިން މަސް ދުވަހު 51.6 މިލިއަނަށްވުރެ ގިނަ މީހުން ފަޤީރުކަމާއި ކުރިމަތިލާން ޖެހިފައިވާކަމަށް ޔޫއެންޑީޕީން އަންދާޒާކޮށްފައިވާކަމަށް ރިޕޯޓުގައިވެއެވެ. މި މީހުންގެ ދިރިއުޅުމުގެ ޚަރަދުތަކަށް ދުވާލަކަށް ލިބެނީ 1.90 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެވެސް މަދު ޢަދަދެކެވެ. މިއާއެކު ފަޤީރުންގެ ނިސްބަތް ވަނީ ދުނިޔޭގެ އާބާދީގެ %9 އަށް އަރާފައެވެ. އަދި އިތުރުން 20 މިލިއަން މީހުން ކުރިއަށްއޮތްތަނުގައި ފަޤީރުކަމަށް ހުށަހެޅޭނެކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ފަޤީރުކަމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ ޤައުމުތަކުގެ ތެރޭގައި އަރުމޭނިއާ، އުޒްބަކިސްތާނު، ގާނާ، ކެންޔާ، ރުވާންޑާ، ސޫދާން، ހެއިޓީ، ޕާކިސްތާނާއި ސްރީލަންކާގެ އިތުރުން ދެކުނު އޭޝިއާގެ ޤައުމުތައްވެސް ހިމެނެއެވެ.

ކޯވިޑުގެ ބަލިމަޑުކަމާއިހެދި ފުރަބަންދުކުރުމުގެ ސަބަބުން 18 މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 125 މިލިއަން މީހުން ފަޤީރުކަމާއި ކުރިމަތިލާން ޖެހުނު ނަމަވެސް ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އެންމެ 3 މަސް ދުވަހުގެ ތެރޭގައި 71 މިލިއަނަށްވުރެ ގިނަ މީހުން ފަޤީރުކަމާއި ކުރިމަތިލާން ޖެހިފައިވާކަމަށް ޔޫއެންޑީޕީން ފާހަގަކުރެއެވެ.

ދުނިޔޭގެ ބާޒާރުގައި ރަޝިއާ އާއި ޔުކްރެއިންއަކީވެސް ވަރަށް ބޮޑަށް ހިއްސާވާ ދެ ޤައުމު ކަމަށްވުމުން ދެ ޤައުމުގެ ދެމެދުގައި ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

ހަނގުރާމަ ފެށުމުގެ ކުރިން ރަޝިއާއަކީ ދުނިޔޭގެ އެންމެ ގިނައިން ހަކަތައާއި ތެޔޮ އެކްސްޕޯޓުކުރާ ޤައުމެވެ. ގޮދަންފުށް އެކްސްޕޯޓުކުރުމުގައި ރަޝިއާ އާއި ޔުކްރެއިން އެއްކޮށް ހަތަރު ބައިކުޅަ އެއްބައި ހިއްސާކުރެއެވެ. މީގެއިތުރުން ޒުވާރި އެކްސްޕޯޓުގެ %14 ހިއްސާކުރާއިރު ސަންފްލާވާ ތެޔޮ އެކްސްޕޯޓުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައެއް މި ދެ ޤައުމުން ހިއްސާކުރެއެވެ.

މި އުނދަގޫ ހާލަތުން އަރައިގަތުމަށް މާލީގޮތުން ޤައުމުތައް ތައްޔާރު ނަމަވެސް ޤައުމުތަކުން މަސައްކަތް ފަށައިގަތުމުގައި ލަސްތަކެއް ހުރިކަމަށް އެޑްމިނިސްޓްރޭޓަރ ވިދާޅުވިއެވެ. ފަޤީރުކަން ނައްތާލުމަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ޓައިމް ބައުންޑް ކޭޝް ޓްރާންސްފާކަމުގައިވެސް ޔޫއެންޑީޕީގެ ރިޕޯޓުގައި ބުނެއެވެ..