ސްކޫލްތަކަށް ބޭނުންވާ މުދައްރިސުނާއި، އެހެނިހެން މުވައްޒަފުން ހޯދާ ތަމްރީންކުރުމަށް މެދު ރާސްތާގެ "ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްލޭން" އެއް އެކުލަވައިލެއްވުމަށް ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ކުރެއްވުމަށްޓަކައި އުފެއްދެވި ރިސަރޗް ގްރޫޕުން ހުށައަޅައިފިއެވެ.
މިގޮތަށް ހުށައަޅާފައިވަނީ ތަޢުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ކުރެއްވުމަށްޓަކައި އުފެއްދެވި ރިސަރޗް ގްރޫޕުން އެކުލަވާލެއްވި ރިޕޯޓުގައެއެވެ.
މި ރިޕޯޓްގައި ވާގޮތުން ތަރައްޤީވަމުން އައިސްފައިވާ ބައެއް ޤައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު 1990 އާއި 2002 އަށް ދެމެދު ޗިލީގައި މުދުއްރިސުންގެ މުސާރަ ވަރަށް ބޮޑުކޮށް މުދައްރިސުންނަށް ވާން ބޭނުންވި ފެންވަރު ރަނގަޅު ކުދިންނަށް ސްކޮލަރޝިޕް ދިނުމުން މުދައްރިސުން ތަމްރީން ކުރާ ކޯސްތަކުގައި ބައިވެރިވި އަދަދުތައް 39 އިންސައްތަ އިތުުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން 2021 ވަނަ އަހަރު ސިއްޙީ ދާއިރާއަށް އަދި 2022 ވަނަ އަހަރު އެކައުންޓީ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ އަލަށް އިޢުލާނު ކުރެއްވިފަދަ ޚާއްސަ ސްކޮލަރޝިޕް ސްކީމެއް ކިޔަވައިދިނުގެ ދާއިރާއިން އެންމެ ބޭނުންތެރިކަން ބޮޑު، ތަމްރީނުވެފައި މުދައްރިސުން ނެތް ދާއިރާ ތަކަށާއި، ދަރިވަރުން ހޯދުމަށް އުނދަގޫ ޕްރޮގްރާމްތަކަށް ޚާއްސަކޮށްގެން އިޢުލާން ކުރުން މުހިއްމުކަމަށް ފެންނަކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިކަން ހައްލުކުރުމަށް ރިިޕޯޓްގައި ވަނީ 3 ހުށައެޅުމެއް ހުށައަޅާފައެވެ.
އެގޮތުން މި ދާއިރާގެ "ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްލޭން" އެކުލަވައި ލުމަށް ހުށައަޅާފައިވެއެވެ. އަދި މޮޅެތި ދަރިވަރުން މުދައްރިސްކަމަށް ހިތްޖައްސައި ޝަޢުޤުވެރި ކުރުމައްޓަކައި އޭ ލެވެލް ނިންމާ ކުދިންގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށާއި، ކިޔަވައިދިނުމުގެ ފަންނު ޚިޔާރުކޮށް އެދާއިރާއިން ކިޔަވަން ބޭނުންވާ ކުދިންނަށް ރައީސްގެ ޚާއްސަ ސްކޮލަރޝިޕް ސްކީމެއް ތަޢާރަފްކުރުމަށް ވަނީ ހުށައަޅާފައެވެ.
3 ވަނަ ކަމަކަށް ހުށަހަޅާފައިވަނީ ފެންވަރު ރަނގަޅު ދަރިވަރުން ޓީޗިންގ ޕްރޮގްރާމުތަކަށާއި، މިފަންނަށް ހިތްޖައްސުވައި ޝައުގުވެރި ކުރުވުމަށްޓަކައި، ކެރިއަރ ގައިޑެންސް ފުޅާ ދާއިރާއެއްގައި ސްކޫލްތަކުގެ ދަރިވަރުންނަށް ދިނުމަށެވެ. މީގެތެރޭގައި މަސައްކަތުގެ ތަޖުރިބާއާއި، އިންޓަރންޝިޕް ފަދަ ކަންކަމުގެ ތެރެއިން، ސްކޫލް ދަރިވަރުން އެ ކުދިން ސްކޫލްތަކުގައި ކިޔަވަމުންދާ ދުވަސްވަރު، ކިޔަވައިދިނުމުގެ ދާއިރާއިން ތަޢާރަފް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހުށައަޅާފައިވެއެވެ. އަދި މިކަމުގައި ބެލެނިވެރިންނާއި، ކައުންސިލްތަކުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އާންމުކޮށް މުޖްތަމައުގެ ބައިވެރިވުން އިތުރު ކުރުން މުހިންމުކަމުގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓުގައި ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމާއި، ކަށަވަރުކުމުގެ ބައިގައި ބުނެފައިވަނީ، ކޯސްތަކުން ދަސްވެނި ވެގެން ނުކުންނަ މުދައްރިސުންގެ ފެންވަރު މިހާރަކަށް އައިސް ދަށްކަމަށް ހޯދުންތަކުން ދައްކާކަމަށެވެ.
މީގެ ސަބަބުންތަކުގެ ތެރޭގައި ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށް، ރާވައި ހިންގުމުގައި ހުރި މައްސަލަތައް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ދަށް އެންޓްރީ ކްރައިޓީރިއާއަކުން ދަރިވަރުން ޕްރޮގްރާމުތަކަށް ވެއްދުމާއި، ޕްރޮގްރާމު މުޅިން ނުނިންމައި، ޕްރޮގްރާމުގެ އެކި ލެވެލްތަކުން ސަނަދު ޙާސިލްކޮށްގެން ނުކުމެ މުދައްރިސުންގެ ގޮތުގައި މަސައްކަތްކުރެވޭގޮތަށް އޮތުމާއި، ޕްރޮގްރާމުގެ އޮނިގަނޑާއި، ކިޔަވައިދޭ މޯޑާއި މުއްދަތާގުޅޭ ކަންކަން ހިމެނެއެވެ.
މިކަންކަން ރަނގަޅުކުރުމަށް ހުށައެޅި ކަންކަމުގެ ތެރޭގައި މުދައްރިސްކަމުގެ ފަށާ ތަމްރީނު ޕްރޮގްރާމުތަކަށް ވަނުމުގެ ޝަރުތަކީ އޭލެވެލް ނުވަތަ އެއާ އެއްފެންވަރުގެ ދާއިރާއަކާ ގުޅުންހުރި ފައުންޑޭޝަން ކޯހެއްކަމަށް ކަނޑައަޅައި، އޯ ލެވެލްގެ އިނގިރޭސިން ފާސްވުން ނުވަތަ އެ ފެންވަރު ހުރިކަން ސާބިތުކޮށްދިނުން ކަމުގައި ހަމަޖެއްސުން ހިމެނެއެވެ. އަދި މުދައްރިސުންގެ ގައުމީ ކޮންޕިޓެންސީ ސްޓޭންޑަރޑް ވީހާ އަވަހަކަށް ނިންމުމާއި، ޝާއިއު ކުރުމާއި ތަންފީޒުކުރުމާއި، ހިލޭ ޑިގްރީ ސްކީމުގެ ދަށުން ކިޔަވަމުންގެންދާ މުދައްރިސުންގެ ތަޢުލީމުގެ ޕްރޮގްރާމްތަކުގެ އަވަސް ކޮލިޓީ އޮޑިޓެއް ހެއްދުމަށްވެސް މި ރިޕޯޓުގައި ހުށައަޅާފައިވެއެވެ.
މީގެ އިތުރުން 3 އަހަރު ދުވަހުގެ ފުރަތަމަ ޑިގްރީއަކާއެކު، އެއް އަހަރު ދުވަހުގެ މުދައްރިސްކަމުގެ ޚާއްސަ ތަމްރީނު ނިންމައި ސަނަދު ހޯދުމަށްފަހު، ނުވަތަ 4 އަހަރު ދުވަހުގެ ބެޗްލަރ އޮފް އެޑިއުކޭޝަން ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު، ސްކޫލުތަކުގައި ކިޔަވައިދިނުމަށް ނުކުންނަ ގޮތަށް ހަމަޖެއްސުމަށްވެސް ހުށައަޅާފައިވެއެވެ. މި ރިޕޯޓުގައި މުދައްރިސުން ތަމްރީނުކުރާ ޕްރޮގްރާމުތަކުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި، ދަސްކުރާ މުދައްރިސުން ހުށަހަޅާ އެސައިންމަންޓްތަކަކީ ކޮޕީކޮށްގެން ހަދާފައިވާ އެއްޗެއްތޯ ޓެސްޓްކުރެވޭނެ ނިޒާމެއް މުދައްރިސުންގެ ތަމްރީނުކުރާ ހުރިހާ މަރުކަޒުތަކުގައި ޤާއިމްކޮށްފައިވާކަން ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރުމާއެކު، ގަވާއިދުން އެކަންކަން ބެލުމަށްވެސް ހުށައަޅާފައިވެއެވެ.