އެމް.ޓީ.ސީ.ސީން ގްރޭޓަރ މާލޭ ސަރަޙައްދުގައި ދެމުން އަންނަ ބަސް ދަތުރުތަކުގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފިއެވެ. އެކުންފުނިން ވިދާޅުވީ، މި ބަދަލުތައް ގެނެސްފައިވަނީ އާއްމުންނަށް ވީހާވެސް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ.
ގްރޭޓަރ މާލޭ ސަރަޙައްދުގެ ބަސް ދަތުރުތަކުގެ ޝެޑިއުލަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، މާލޭ ވެސްޓް ޕާކުން ހުޅުމާލޭ ފޭސް 1 ބަސް ރޫޓާއި، މާލޭ ކާނިވަލުން ހުޅުމާލޭ ފޭސް 1 ބަސް ރޫޓުގެ ދަތުރުތައް ދަންވަރު 00:15 އާއި ހަމައަށް އިތުރުކުރުން ހިމެނެއެވެ. މި ބަދަލާއެކު ޑިއުޓީ އުޞޫލުން މަސައްކަތްކުރާ ފަރާތްތަކަށް ދަންވަރު 12 ގައި ޑިއުޓީ ނިންމުމަށްފަހު ބަހުގެ ޚިދުމަތް ބޭނުންކޮށްގެން މާލެ އަދި ހުޅުމާލެއަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި ޚާއްސަކޮށް އަމިއްލަ ވެހިކަލް ނުގެންގުޅުއްވާ ފަރާތްތަކަށް ދަތުރުކުރުމަށް ފަސޭހަވެ، މިހާރުކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެކަން އެކުންފުނިން ފާހަގަކުރެއެވެ.
މި 2 ރޫޓުގެ އިތުރުން ހުޅުމާލޭ ފޭސް 2 އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބަސް ރޫޓުގެ ތެރެއިން ބަސް ޝެޑިއުލް 1 ގަޑިއިރުން 30 މިނެޓަށް ވަނީ ބަދަލުކޮށްފައެވެ. މިކަމުގެ ސަބަބުން ހުޅުމާލޭ ފޭސް 2 އިން އެއަރޕޯޓަށް ވަޒީފާއަށް ދަތުރުކުރާ ފަރާތްތަކަށާއި، ފުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.
Customer Notice! pic.twitter.com/kNDszs8RHe
— MTCC Plc (@MTCCPlc) July 9, 2022
އެމް.ޓީ.ސީ.ސީން ވިދާޅުވީ، އެކުންފުނިން މަސައްކަތްކުރަމުންދަނީ އާންމު ބަސް ޚިދުމަތަކީ ޚިދުމަތް ހޯއްދަވާ ފަރާތްތައް އެދޭފަދަ ލުއިފަސޭހަ، ހިތްހަމަޖެހޭ، އަދި ރައްކާތެރި ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދީ ދެމެހެއްޓުންކަމަށެވެ. އެގޮތުން ބަސް ދަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ވަގުތު އިތުރުކުރުމުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަން ލިބިގެންދާނެކަން އެކުންފުނިން ފާހަގަކުރައްވައެވެ.
މާލޭ ސަރަހައްދުގައި ދެމުން އަންނަ ބަހުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެގޮތުން އެމް.ޓީ.ސީ.ސީން ދާދިފަހުން ވަނީ އެކުންފުނީގެ ބަހުގެ ފްލީޓަށް 15 ޑަބަލް ޑެކް ބަސް އިތުރުކޮށް، މާލެއާއި ހުޅުމާލޭ ދެވަނަ ފިޔަވަށްސާއި ދެމެދު 2 ރޫޓަކުން ސީދާ ދަތުރުތައްވެސް ފަށާފައެވެ. މި ޚިދުމަތުގައި އެކުންފުނިން ބޭނުންކުރާ ބަހުގެ ޖުމްލަ ޢަދަދު މިހާރު ވަނީ 46 އަކަށް އިތުރުވެފައެވެ.
ބަހުގެ ޚިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް މި ގެނެވުނު ބަދަލާއެކު އޮޕަރޭޓްކުރާ ބަހުގެ ޢަދަދު އިތުރުވެގެންދާނެކަމަށް އެމް.ޓީ.ސީ.ސީން ހާމަކުރައްވާފައިވެއެވެ. އަދި މި ޚިދުމަތް ރައްކާތެރިކަމާއެކު ތާވަލްކުރެވިފައިވާގޮތަށް ފޯރުކޮށްދެވޭނީ މަގުތައް ބޭނުންކުރާ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބި އާންމު ބަހުގެ ޚިދުމަތުގައި ބޭނުންކުރާ ބަސްތަކަށް އިސްކަންދީގެންކަމަށްވެސް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.