އެމެރިކާގެ ކޮމިޔުނިކޭޝަން ކުންފުނި ޓްވިޓާ ގަންނަން ހެދި އެއްބަސްވުމާ ޓްވިޓާއިން ޚިލާފްވެފައިވާ ކަމަށް ބުނެ އެ މުއަމާލާތް ދެން އިތުރަށް ކުރިއަށް ނުގެންދަން މަހުޖަނު އީލޮން މަސްކު ނިންމައިފިއެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަސްކް ބުނީ ޓްވިޓާ ގަންނަން ހެދި އެއްބަސްވުން ކުރިއަށް ނުގެންދަން ނިންމީ ސްޕޭމް އެކައުންޓްތަކާއި ފޭކް އެކައުންޓްތަކުގެ ސައްޚަ އަދަދު ދޭން ޓްވިޓާއިން ދެކޮޅު ހެދުމުންނެވެ.
ޓްވިޓާގެ ސްޕޭމް އަދި ބޮޓް އެކައުންޓްތަކުގެ އަދަދު %5 އިންސައްތައަށް ވުރެ ދަށްވާނެކަމަށް ޓްވިޓާއިން ބުނާ ބުނުމުގެ ހެކި ދެއްކުމަށް މަސްކު ވަނީ މީގެކުރިން އެދިފައެވެ.
ޓްވިޓާ ގަންނަން ނިންމިކަން އޭޕްރީލް މަހު އިއުލާނުކުރި ފަހުން މި މުއާމަލާތާ ގުޅޭ ގޮތުން އެތައް ކަމެއް ވަނީ ހިނގައިފައެވެ.
ޓްވިޓާގެ ގަންނަ ހެދި އެއްބަސްވުން ކުރިއަށް ނުގެންދަން ނިންމުމުގެ ކުރިން މިދިޔަ މެއި މަހު މަސްކް ވަނީ ސްޕޭމް އަދި ފޭކް އެކައުންޓްތަކުގެ މައްސަލާގައި ވިޔަފާރީގެ މި މުއާމަލާތް މަޑުޖައްސާލިކަން އިއުލާނުކޮށްފަ އެވެ.
މިކަމާއި ގުޅޭގޮތުން ޓްވިޓާއިން ބުނީ އެއްބަސްވުން ތަންފީޒުކުރުމަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ނިންމާފައިވާކަމަށެވެ. އެއްބަސްވުމުގައިވާ ގޮތުން ނަމަ އެއްބަސްވުން ނިމުމަކަށް ގެންނަ ހާލަތެއްގައި މަސްކް އެއް ބިލިއަން ޑޮލަރުގެ ފީއެއް ބަދަލުގައި ދޭން ޖެހޭނެއެވެ.
މަސްކުގެ ލޯޔަރު އެމެރިކާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މަސްކް ބޭނުންވާ މައުލޫމާތު ދިނުމުގައި ޓްވިޓާ ފެއިލްވެފައިވާ ކަމަށެވެ. މަސްކުގެ ބައެއް ހުށަހެޅުންތަކަށް ޓްވިޓާއިން އިޖާބަ ނުދޭ ކަމަށާއި ބައެއް ފަހަރު ހުށަހެޅުންތަކަށް ދެކޮޅު ހަދައި ފުރިހަމަނުވާ މަޢުލޫމާތާއި ބޭނުން ނުހިފޭ މައުލޫމާތުވެސް ޓްވިޓާއިން ދީފައިވާކަމަށް ސިޓީގައި ބުނެފައިވެ އެވެ.
ޓްވިޓާއަށް އިންވެސްޓުކުރުމަށް މަސްކު ވަނީ 44 ބިލިއަން އެމެރިކާ ޑޮލަރު ހުށަހަޅާފައެވެ.