ޚަބަރު

އިތުރު ވަގުތު މަސައްކަތްކުރާ މުދައްރިސުންނަށް ފިކްސްޑް "ޓީޗަރ އެލަވަންސެއް"


ރަސްމީ ގަޑީގެ ބޭރުން މުދައްރިސުން ކުރާ މަސައްކަތްތަކަށް އެކަށީގެންވާ ރަނގަޅު މިންވަރެއްގެ ފިކްސްޑް "ޓީޗަރ އެލަވަންސެއް" ހަމަޖެއްސުން މުހިއްމުކަމަށް ޓީޗަރސް ރިސާރޗަ ގުރޫޕްއިން ވިދާޅުވެއްޖެއެވެ.

ތަޢުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ކުރެއްވުމަށްޓަކައި އުފެއްދެވި ރިސަރޗް ގްރޫޕުން ވިދާޅުވީ މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތްކުރާ ފަރާތްތަކަށް، ކުރާ މަސައްކަތާ އެކަށޭނެ ރަނގަޅު މުސާރައަކާ ޢީނާތްތައް ހެމަޖެއްސުން މުހިއްމުކަމަށެވެ. މިގޮތުން އިތުރުގަޑިއަށްދޭ ފައިސާގެ 10 އިންސައްތައިގައި ހިފަހެއްޓިފައިވުމާއި، ދެވަނަ ވަޒީފާއެއް އަދާކުރުން މަނާކުރާތީ އެޑިއުކޭޝަން މިނިސްޓްރީން ފަންނީ އިދާރާތަކުގެ ކަމާގުޅުން ހުރި މުވައްޒަފުންނަށް ދޭ އެލަވަންސް ފަދަ އިނާޔަތްތައް ތައުލީމީ ދާއިރާގައި ނުލިބޭކަން ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރުގެ އެހެނިހެން ބައެއް އިދާރާތަކުގައި އިތުރުގަޑިއަށް ދޭ ފައިސާ ތައުލީމީ ދާއިރާގައި ދޭ ރޭޓަށްވުރެ މަތީ ރޭޓްތަކުގައި އެބަހުރިކަން ފާހަގަކޮށް ރިޕޯޓްގައި ބުނެފައިވަނީ މިފަދަ ސަބަބުތަކާއި ހުރެ މުދައްރިސުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އެހެނިހެން ފަންނީ މުވައްޒަފުން މި ދާއިރާއަށް ޝައުގުވެރިކަން ކުޑަވާކަމަށެވެ.

މުދައްރިސުންގެ ފަންނުގެ އިތުރުގަޑި ކަނޑައެޅުމަކީ ފަސޭހަ ކަމެއް ނޫންކަން ފާހަގަކޮށް ރިޕޯޓްގައި ވަނީ ކިޔަވައިދިނުމުގެ ފަންނަކީ މުދައްރިސުން ކްލާސްރޫމުގައި ކިޔަވައިދޭ ވަގުތަށްވުރެ އިތުރުން ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އިތުރު ގަޑީގެ އުޖޫރަ ދެވޭ ރޭޓްތައް އިންސާފުވެރި އަދި ހަމަހަމަ ނުވަތަ ހާމަނައިޒޭޝަން އަންނާނެ ފަދަ ގޮތަކަށް ސިޔާސަތު ބައްޓަން ކުރުން މުހިންމު ކަމަށް ވަނީ ބުނެފައެވެ.

މިކަމަށް ހައްލެއް ގެނައުމަށްޓަކައި ރިޕޯޓްގައި ވަނީ މުދައްރިސުންގެ މުސާރަ ބޮޑުވުމާއެކު، ރަސްމީގަޑީގެ ބޭރުން ކިޔަވައިދިނުމާއި ގުޅޭ ގިނަ މަސައްކަތްތަކެއްގައި މުދައްރިސުން ސްކޫލާއި ސްކޫލުން ބޭރުގައި މަސްއޫލުވާންޖެހޭނެ ކަމަށް ބަލައި، އެކަށީގެންވާ ރަނގަޅު މިންވަރެއްގެ ފިކްސްޑް "ޓީޗަރ އެލަވަންސް" އެއް ހަމަޖެއްސުމަށް ހުށައަޅާފައެވެ.

އިންކްލޫސިވް އެޑިއުކޭޝަންގެ ސިޔާސަތު ހިނގަމުން ދާއިރު މުދައްރިސުންގެ ތެރެއިން ވަކި ބަޔަކަށް ރިސްކް އެލަވަންސް ލިބޭ އަދި ނުލިބޭ މައްސަލަ މުރާޖާ ކުރުމަށްވެސް ވަނީ ހުށައަޅާފައެވެ. އަދި ތައުލީމީ ދާއިރާއާއި އެހެނިހެން ފަންނީ މަގާމުތަކަށްވެސް ފެންވަރު ރަނގަޅު މީހުން ލިބޭނެ ގޮތަށް މުސާރައާއި އިނާޔާތްތައް ހަމަޖެއްސުމާއި މިހާތަނަށް ވެސް ހިފެހެއްޓިފައި އޮންނަ "ނޮން-ޕްރެކްޓިސް" އެލަވަންސް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ދާއިރާގެ ފަންނީ އިދާރާތަކުގެ ކަމާއި ގުޅުން ހުރި މުވައްޒަފުންނަށް ދޫކުރުމަށް ރިޕޯޓްގައި ވަނީ ހުށައަޅާފައެވެ.