ކުޅިވަރު

ލިވަޕޫލް ޓީމަށް ތައިލެންޑް ރައްޔިތުންގެ ހޫނު މަރުހަބާއެއް


ޕްރީ-ސީޒަން ޓުއާއެއްގައި ތައިލަންޑުގެ ވެރިރަށް ބެންކޮކަށް ލިވަޕޫލް ޓީމު ދިއުމުން، އެ ކުލަބުގެ ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އިރުމަތީ އޭޝިއާއަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ސަޕޯޓަރުން ގިނަ ސަރަހައްދެއްގެ ގޮތުގައި އަބަދުވެސް ވަނީ ފާހަގަކުރެވިފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ބައެއް ސަޕޯޓާރުން ވަނީ ލިވަޕޫލްގެ ޓީމަށް މަރުހަބާ ކިޔުމަށް އެއާޕޯޓް ސަރަހައްދުގައި ހަ ގަޑިއިރު މަޑުކޮށްފައެވެ. އަދި ލިވަޕޫލުގެ ޓީމް އެއާޕޯޓުން ނިކުންނަށް ވާއިރަށް ހާހަކަށް ވުރެ ސަޕޯޓަރުން އެ ޓީމަށް މަރްހަބާ ކިޔުމަށް ގޮސްތިބި ކަމަށްވެސް މައުލޫމާތުލިބެއެވެ.

ބެންކޮކްގައި ލިވަޕޫލަށް މަރްހަބާ ކިޔުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ބުނީ މިއީ އޭނާ ބެންކޮކަށް ދިޔަ ދެވަނަ ފަހަރު ކަމަށާއި، ފުރަތަމަ ފަހަރަކީ އޮސްޓްރޭލިއާއަށް ދިޔަ މަގުމަތީ ކުރި ޓްރާންސިޓެއް ކަމަށެވެ. އެހެން ކަމުން މިފަހަރު ކޮންމެވެސް ވަރަކަށް ބެންކޮކް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުންމީދު ކުރާ ކަމަށްވެސް ބުންޏެވެ.

ލިވަޕޫލްގެ ވައިސް ކެޕްޓަން ޖޭމްސް މިލްނާ ހާމަކުރިގޮތުގައި ތައިލަންޑުން ފެނިގެންދިޔައީ ވަރަށް ޖޯޝުން ފުރިގެންވާ ލިވަޕޫލްގެ ސަޕޯޓަރުންތަކެއް ކަަމަށެވެ. އަދި މެންޗެސްޓާ ޔުނައިޓެޑާއެކު ކުޅޭ މެޗްގައި ސަޕޯޓަރުންގެ ފަރާތުން ރަނގަޅު ސަޕޯޓެއް ޓީމަށް ލިބިގެންދާނެކަން ޔަގީންވާކަމަށް އޭނާ ވަނީ ބުނެފައެވެ.

ކްލޮޕް ހާމަކުރިގޮތުގައި ޔުނަައިޓެޑއެކު ކުޅޭ އެއްވެސް މެޗަކީ ރަހްމަތްތެރިކަމުގެ މެޗެއް ނޫން ކަމަށާއި، އެގޮތުން މި މެޗަކީވެސް ވަރުގަދަ މެޗަކަށް ވެގެންދާނެ ކަމަށެވެ.