ޚަރަދުކުރާ މިންވަރު މަދުވުމުގެ ސަބަބުން އެމެރިކާގެ އިޤްޠިޞާދީ ދުވެލި މިއަހަރު %2.3 މަޑުވާނެކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން އަނެއްކާވެސް ލަފާކޮށްފިއެވެ.
މި އަދަދު މީގެކުރިން ޖޫން މަހު ހުރީ %2.9 ގައެވެ. އިޤްޠިޞާދީ ދުވެލި މަޑުވާނެކަމަށް ލަފާކުރުމުން އެމެރިކާގެ އިޤްޠިޞާދު ރިސެޝަނަކަށް ދިއުން ގާތް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ޖީޑީޕީ 2023 ވަނަ އަހަރު ކުރިއަރާނެކަމަށް ލަފާކޮށްފައިވާ އިންސައްތަވެސް ވަނީ %1.0 އަށް ދަށްކޮށްފައެވެ. ޖީޑީޕީ ކުރިއަރާނެކަމަށް މީގެކުރިން ލަފާކޮށްފައިވަނީ %1.7 އަށެވެ. އިންފްލޭޝަންގެ ސަބަބުން އެމެރިކާގެ އިޤްޠިޞާދުގެ އިތުރުން މުޅި ދުނިޔޭގެ އިޤްޠިޞާދަށްވެސް ހިޔަނި އެޅިފައިވާކަމަށް އައިއެމްއެފްގެ ޑިރެކްޓަރުން ވަނީ ވިދާޅުވެފައެވެ.
މާލީ ސިޔާސަތުތައް ހަރުކަށި ކުރުމުން 2023 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރު ނިމުމުގެ ކުރިން އިންފްލޭޝަން %1.9 އަށް ދަށްވާނެކަމަށް އައިއެމްއެފް އިން ވަނީ ލަފާކޮށްފައެވެ.
މީގެކުރިން މިއަހަރުގެ 4 ވަނަ ކުއާޓަރުގައި އިންފްލޭޝަން ދަށްވާނެކަމަށް ލަފާކޮށްފައިވަނީ %6.6 އަށެވެ. މީގެ ސަބަބުން އެމެރިކާގެ އިޤްޠިޞާދީ ދުވެލި މަޑުޖެހުންނަމަވެސް އެމެރިކާ ރެސެޝަނަކަށް ނުދާނެކަމަށް އައިއެމްއެފް އިން ލަފާކުރެއެވެ.