މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 5000 އަށްވުރެ ގިނަ ފޯމު ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލާފައިވަނީ މިދިޔަމަހުގެ 26 ވަނަ ދުވަހުއެވެ.
"ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރާނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް"އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ.
މި 2 ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް ޝަރުތު ހަމަވާ ފަރާތްތަކުން އެކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ "ގެދޮރުވެރިން ޕޯޓަލް" (https://gedhoruverin.gov.mv) މެދުވެރިކޮށެވެ. މި ފުރުޞަތު 26 ސެޕްޓެމްބަރުގެ ނިޔަލަށް އޮންނާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.
#Gedhoruverin
— Government of Maldives (@governmentmv) June 30, 2022
ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި، އޮންލައިން ޕޯޓަލް މެދުވެރިކޮށް މިހާރު ހުށައެޅުއްވޭނެ.
?https://t.co/d9MuUaqtWF pic.twitter.com/LY4D6h8SRC
ހައުސިންގ މިނިސްޓްރީން ވިދާޅުވީ، ގެދޮރުވެރިން ޕޯޓަލަށް މިހާތަނަށް 5278 ފޯމު ހުށަހަޅާފައިވާކަމަށެވެ. މި ޕޯޓަލް ފަރުމާކޮށްފައިވަނީ ސުންގަޑި ހަމަވުމާއި ހަމައަށްވެސް ހުށަހަޅާފައިވާ ފޯމުތަކަށް، އެފޯމެއް ހުށަހެޅި ފަރާތުން ބޭނުންވާ އުނިއިތުރު ގެނެވޭނެހެންނެވެ. އެހެންކަމުން، އެންމެ ފަހުގަޑިއަށް މަޑުނުކުރައްވާ، ފޯމުގައި ހިމަނާފައިވާ މަޢުލޫމާތުތައް ފުރިހަމަތޯ ޗެކްކޮށް ކަށަވަރުކުރުމަށް ހައުސިންގ މިނިސްޓްރީން އިލްތިމާސްކުރެއެވެ.
މިޕޯޓަލް މެދުމެރިކޮށް ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ޝަރުތުތަކާއި އަދި އުސޫލުތަކާއި ގުޅޭ މަޢުލޫމާތު ލިބޭނެއެވެ. އަދި ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ފަސޭހަކަމާއެކު ހުށައެޅޭނެއެވެ. ޕޯޓަލްއަށް ފޯމު ހުށައެޅުމުން އެ މަސައްކަތް ކުރިއަށްދާގޮތުގެ ނޮޓިފިކޭޝަން، އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ލިބޭނެ ފީޗަރތައްވެސް މި ޕޯޓަލުގައި ހިމަނާފައިވެއެވެ.
"ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެ ތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައިވަނީ ގުޅީފަޅުންނެވެ.
މި ޕްރޮގްރާމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 3750000 (ތިން މިލިޔަން ހަތް ލައްކަ ފަންސާސް ހާސް) އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމުގެ ތެރެއިން ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައަޅާނީ މައިގަނޑު 3 އުޞޫލަކުންނެވެ.
* އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓު
* ޖޮއިންޓް އެޕްލިކޭޝަނެއްނަމަ، އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެ
* 7 މީހުންނަށްވުރެ ގިނަ މީހުން އެއްކޮށް ބައިވެރިވާނަމަ ޖުމްލަ 4،000 އަކަފޫޓު
* މާލޭގެ ރައްޔިތެއްކަމުގައިވުން
* 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
* މާލޭ ސަރަޙައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް ނެތުން
* 600 އަކަފޫޓަށްވުރެ ބޮޑުތަނެއް ރަޖިސްޓްރީވެފައިވާނަމަ، އެތަނެއް ދޫކޮށްލަން އެއްބަސްވުން
* އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނެތުން
* ވާރުތައިން ލިބެންއޮންނަ ތަނެއް ދޫކޮށްލަން އެއްބަސްވުން
* އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައިނެތުން
* މާލޭގެ ރައްޔިތެއްކަމުގައިވުން
* 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
* މާލޭގެ ރަށްވެއްސަކަށްވެފައިވާތާ ނުވަތަ ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތެއްކަމުގައިވުން
* އެއްވެސް މަޝްރޫޢަކުން މީގެކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ނެތުން
* މާލޭ ސިޓީން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ޔުނިޓެއް/ބިމެއް ތަނެއް ގަނެފައިވާ ފަރާތަކަށްނުވުން
* ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ވިއްކާފައިނެތުން
* މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 60،000 ރުފިޔާވުރެ ބޮޑުނުވުން
ގޯތި ނުވަތަ ފްލެޓަށް އެދި ހުށަހެޅިދާނެ ގޮތްތަކާއި، ގޯތި ނުވަތަ ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތާއި، އެހެނިހެން ތަފްޞީލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުޞޫލުގައި ވަނީ ބަޔާންކޮށްފައެވެ.
މި ދެ ސްކީމަށް ޝަރުތު ހަމަވިނަމަވެސް، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ އެ ފަރާތަކުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ސްކީމަކަށްކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.