2012ވަނަ އަހަރުން 2021ވަނަ އަހަރުގެ ނިޔަލަށް 6000އަށްވުރެ ގިނަ ބޭރު މުދައްރިސުން ރާއްޖެއަށް ގެނެސްފައިވާކަން ސަރުކާރުން ހާމަކުރައްވައިިފިއެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުން ގެނައި މުދައްރިސުންގެ ތެރެއިން ފިރިހެން މުދައްރިސުންގެ އަދަދު އަހަރުންއަހަރަށް އިތުރުވެފައިވާކަން ހާމަވެއެވެ.
މުދައްރިސުން ނުލިބޭ މައްސަލަ ދެނެގަތުމަށްޓަކައި ރައީސް އުފެއްދެވި ކޮމެޓީން އެކުލަވައިލި ރިޕޯޓްގައި ވާގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ގިނަ އަދަދެއްގެ ބިދޭސީ މުދައްރިސުން ސަރުކާރާއި އަމިއްލަ ސްކޫލްތަކަށް ވަނީ ގެނެސްފައެވެ.
މިގޮތުން 2012ވަނަ އަހަރުން 2021ވަނަ އަހަރާ ދެމެދު 6385 ބިދޭސީއަކަށް މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދެއް ހިއްސާކުރަނީ އިންޑިއާ މުދައްރިސުންނެވެ. އެއީ 5592 މީހުންނެވެ. މި މުއްދަތުގައި ދެން އެންމެ ގިނައިން މުދައްރިސުން ގެނެސްފައިވަނީ ސްރީލަންކާއިންނެވެ. އެ ޤައުމުން 325 މުދައްރިސަކު ގެނެސްފައިވާކަން މި ރިޕޯޓުން ހާމަވެއެވެ.
މި ރިޕޯޓްގައި ވާގޮތުން ސަރުކާރުގެ ސްކޫލްތަކަށް 5307 ބިދޭސީ މުދައްރިސުން ގެނެސްފައިވެއެވެ. އަމިއްލަ ސްކޫލްތަކަށް ގެނެސްފައިވަނީ 1076 ބިދޭސީ މުދައްރިސުންނެވެ. 2021ވަނަ އަހަރު ދިވެހި މުދައްރިސުންނަށް ކުރާ ޚަރަދަށްވުރެ އިތުރަށް ބިދޭސީ މުދައްރިސުންނަށް 24.7 މިލިޔަން ރުފިޔާ ޚަރަދު ކުރަން ޖެހުނެވެ. މިގޮތުން މުދައްރިސުން ރާއްޖެ ގެނައުމަށް ކުރި ހޭދައާއި އެމީހުން ރާއްޖޭގައި ތިބުމުގެ އިންތިޒާމްތައްވެސް ހަމަޖައްސަނީ ސަރުކާރުންނެވެ.
މި ރިޕޯޓުން ހާމަވާގޮތުގައި ބިދޭސީންނާއި ދިވެހިން ހިމެނޭހެން މުޅި ތަޢުލީމީ ދާއިރާއިން ވޭތުވެދިޔަ 7 އަހަރުދުވަހުގެ ތެރޭގައި އެކި ސަބަބުތަކާ ހުރެ 1000 އަށްވުރެ ގިނަ މުދައްރިސުން ވަނީ ވަކިވެ ދާއިރާ ދޫކޮށްލާފައެވެ. ވޭތުވެދިޔަ 7 އަހަރުދުވަހުގެ ތެރޭގައި އެކި ސަބަބުތަކާ ހުރެ 18 ޑެޕިއުޓީ ޕްރިންސްޕަލުންނާއި 46 ޕްރިންސްޕަލުން ވަނީ ވަޒީފާއިން ވަކިވެފައެވެ. އަދި މި މުއްދަތުގައި ސަރުކާރުގެ ސްކޫލްތަކުން 1197 މުދައްރިސުން ވަޒީފާއިން ވަނީ ވަކިވެފައެވެ. މީގެ ތެރެއިން 1100 މީހުންނަކީ "ޓީޗަރ" ގިންތީގައި ތިބި މީހުންނެވެ. އަދި 79 މީހުންނަކީ "ސީނިއަރ ޓީޗަރުން"ގެ ގޮތުގައި ތިބި މީހުންނެވެ. އެންމެ ގިނައިން މުދައްރިސުން ވަކިވެފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ.
2021ވަނަ އަހަރު ނިމުނުއިރު ސަރުކާރު 214 ސްކޫލެއްގައި ތިބި މުދައްރިސުންގެ ތެރެއިން %79.2 މުދައްރިސުންނަކީ ދިވެހި މުދައްރިސުންކަން ފާހަގަކޮށްފައިވެއެވެ. އެއީ 6،490 މުދައްރިސުންނެވެ. އަދި ބިދޭސީ މުދައްރިސުންގެ ގޮތުގައި 1،708 މުދައްރިސުން ތިއްބެވެ. އެއީ %20.8 މުދައްރިސުންނެވެ. މީގެ ތެރެއިން %81.1 މުދައްރިސުންނަކީ އަންހެނުންނެވެ. މި ރިޕޯޓުގައިވާގޮތުން ދިވެހި މުދައްރިސުންގެ ތެރެއިންވެސް ތަމްރީނު ލިބިފައިނުވާ މުދައްރިސުން ގިނައެވެ.
ދިވެހި މުދައްރިސުން ނުލިބޭ މައްސަލައާއި މަޤާމުގައި ދެމި ނުހުންނަ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ މުދައްރިސުންނަށް ލިބޭ އުޖޫރައަށްވެސް ބޮޑު ބަދަލެއް ގެނެސްފައެވެ. މިއާއެކު މިހާރު މިދާއިރާއިން ވަކިވެފައިތިބި މުދައްރިސުންވެސް އެނބު އައުމަށް ޝައުޤުވެރިކަން ފާޅުކުރެއެވެ. އަދި ކުރިއަށް އޮތްތަނުގައި މިދާއިރާއިން ކިޔަވާ މީހުންގެ އަދަދު އިތުރުވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.