ކެނެޑާގައި އިންފްލޭޝަން މައްޗަށް ދަމުންދާކަމަށް އެ ޤައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޓްރިފް މެކްލެމް ވިދާޅުވެއްޖެއެވެ.
މަރުކަޒީ ބޭންކުގެ ގަވަރުނަރު ޓްރިފް މެކްލެމް ވިދާޅުވީ މިދިޔަ ޖޫންމަހުގެ ތަފާސް ހިސާބުތައް އާއްމުކުރާއިރު މިހާރު އިންފްލޭޝަން ހުރި 8 އިންސައްތައަށްވުރެ މައްޗަށް ދިއުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އަދި އިންފްލޭޝަން އެ ރޭޓުގައި ދެތިން މަހެއް ވަންދެން ހުންނާނެކަމަށްވެސް ޓްރިފް ވިދާޅުވިއެވެ.
މަރުކަޒީ ބޭންކުގެ ގަވަރުނަރު ވިދާޅުވީ ތެލުގެ އަގު ޖޫންމަހު ވަރަށް ބޮޑަށް އުފުލިފައިވާކަމަށާއި މިއާއިއެކު އިންފްލޭޝަން މިހާރަށްވުރެ މަތިވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއްކަމަށެވެ.
މޭމަހު ކެނެޑާގެ އިންފްލޭޝަން %7.7 އަށް އަރާފައިވާއިރު މިއީ 1982 ވަނަ އަހަރަށް ފަހު ކެނެޑާގެ އިންފްލޭޝަން އެންމެ މަތިވި ފަހަރެވެ.
ކުރިއަށްއޮތް ދެތިން މަހުވެސް ކެނެޑާގެ އިންފްލޭޝަން ރޭޓު ހުންނާނީ ގާތްގަނޑަކަށް %8ގައި ކަމަށާއި 2023 ވަނަ އަހަރު ނިމޭ ހިސާބުގައި މި އަދަދު 3% ދަށްވެ، 2024 ވަނަ އަހަރު އިންފްލޭޝަން ރޭޓު %2 އަށް ވެއްޓޭނެކަމަށް ލަފާކޮށްފައިވާކަމަށްވެސް ކެނެޑާގެ މަރުކަޒީ ބޭންކުން ބުނެއެވެ.
ކެނެޑާގެ ނާއިބު ރައީސް އަދި ކުރީގެ މާލީ ވަޒީރު ކްރިސްޓިއާ ފްރީލޭންޑް ވިދާޅުވީ އިންފްލޭޝަން މަތިވުމުން މަރުކަޒީ ބޭންކުން އަންނަނީ ބަޖެޓްގެ ތެރެއިން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންކަމަށެވެ. އަދި އިފްލޭޝަން މަތިވާން މެދުވެރިވާ ބައެއް ކަންތައްތައް ކޮންޓްރޯލުކުރުމަށްވެސް ބޭންކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މިކަން ކުރެވޭނެ ވަރުގެ ޤާބިލުކަން ކެނެޑާއަށް ލިބިފައިވާކަމަށްވެސް ކްރިސްޓިއާ ވިދާޅުވިއެވެ.