ކުޅިވަރު

ސިޓީގެ މުހިންމު ތިން ކުޅުންތެރިއަކަށް އެމެރިކާ ޓުއާގައި ބައިވެރިނުވެވޭ


އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އެމެރިކާއަށް ކުރިއަށްގެންދާ ޕްރީ-ސީޒަން ޓުއާގައި، އެ ޓީމުގެ މުހިންމު ތިން ކުޅުންތެރިއަކަށް ބައިވެރިނުވެވޭކަން ހާމަވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިތިން ކުޅުންތެރިންނަށްވެސް ބައިވެރިވެވޭގޮތް ނުވެފައިވަނީ އެމެރިކާގެ އެންޓްރީ ރިކުއާމަންޓް ފުރިހަމަ ނުވާތީއެވެ. އެ ތިން ކުޅުންތެރިންނަނީ ޑިފެންޑަރު ޖޯން ސްޓޯންސް އާއި، މެދުތެރެއަށް ކުޅެމުން އަންނަ އިލްކާއި ގުންޑޮގާން އަދި ޒުވާން ފޯވާޑް ފިލް ފޯޑަންއެވެ. މީގެ އިތުރުން ސިޓީގެ އެމެރިކް ލަޕޯޓަށްވެސް މި ޓުއާގައި، އަނިޔާގެ ސަބަބުން ބައިވެރިނުވެވެއެވެ.

މިކަމާ ގުޅޭ އިތުރު ތަފުސީލެއް ސިޓީން ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން އެތިން ކުޅުންތެރިންވެސް ޕްރީ-ސީޒަންގެ ފަރިތަކުރުންތައް ކުރިއަށް ގެންދާނީ ކްރޮއޭޝިއާގައި އެ ކުލަބުގެ އެލީޓް ޑިވެލޮޕްމަންޓް ޓީމާއެކުއެވެ.

ސިޓީން އެމެރިކާއަށް ކުރާ ދަތުރުގައި މެކްސިކޯގެ ކުލަބު އެމެރިކާ އާއި ޖަރުމަނު ލީގުގެ ޗެމްޕިއަން ބަޔާން މިޔުނިކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާއަށް ދިޔަ ޓީމުގައި އަލަށް ސޮއިކުރި ތިން ކުޅުންތެރިން ކަމަށްވާ އާލިން ބްރައުޓް ހާލަންޑާއި، ކެލްވިން ފިލިޕްސް އަދި ޖޫލިއަން އަލްވަރޭޒް ބައިވެރިވެއެވެ. އަދި އާސެނަލަށް ދާން އުޅޭކަމުގެ އަޑު ފެތުރިފައިވާ އޮލެކްސެންޑާ ޒިންޗެންކޯ އާއި ޗެލްސީން ގެންދިއުމަށް މަސައްކަތްކުރި ނޭތަން އަކޭވެސް ވަނީ ޓީމުގައި ހިމެނިފައެވެ.