މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ދިގު ތާރީޚުގައިވެސް އެ މުއައްސަސާގެ ކުރިއެރުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެވެމުންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޒަޢާމަތުގައިކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މިހެން ވިދާޅުވީ، ކަސްޓަމްސްއަށް 132 އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކަސްޓަމްސްގެ 132 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ވަނީ ފާއިތުވި 2 އަހަރު ތެރޭގައި ކަސްޓަމްސްގެ ތެރެއިން ކުރެވުނު ބައެއް މުހިއްމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ފާއިތުވި 2 އަހަރަކީވެސް ކަސްޓަމްސްގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވުނު 2 އަހަރުކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ، ކަސްޓަމްސްގެ އެންފޯސްމަންޓް ހަރުދަނާކުރުމަށް ބޭނުންވާ ގިނަ ވަޞީލަތްތަކެއް ސަރުކާރުގެ ބަޖެޓުގެ އިތުރުން ޖަޕާން ސަރުކާރާއި ޔޫ.އެން.އޯ.ޑީ.ސީގެ އެހީތެރިކަމާއެކު ހޯދިފައިވާކަމަށެވެ. އަދި އިންޑިއާގެ ކަސްޓަމްސްއާއި ރާއްޖޭގެ ކަސްޓަމްސްއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އިންޑިއާ ސަރުކާރުގެ އެހީގައި ގިނަ އަދަދެއްގެ މުވައްޒަފުންނަށް ތަމްރީން ލިބުމުގެ ފުރުޞަތު ފޯރުކޮށްދެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ ކަސްޓަމްސްގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް މުހިއްމު މަސައްކަތްތަކެއް ފާއިތުވި 2 އަހަރު ކުރެވުނުކަންވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
"ކަސްޓަމްސްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކާ ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި އޮފީސްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. މިގޮތުން ކުޅުދުއްފުށީގައި ޤާއިމުކުރެވިފައިވާ ނޯތު ރީޖަނަލް ކަސްޓަމްސް ހެޑް އޮފީހައި، ހއ. އުލިގަމު ކަސްޓަމްސް އޮފީސް ހުޅުވާ ޚިދުމަތް ދެމުންދާކަން ފާހަގަކޮށްލަން. އަދި އައްޑޫ ސިޓީގައި ކަސްޓަމްސްގެ ޚިދުމަތްތައް ފުޅާކުރުމަށް ސައުތު ރީޖަނަލް ކަސްޓަމްސްގެ ހެޑް އޮފީސް އިމާރާތުގެ މަސައްކަތް ކުރިއަށްދާކަންވެސް ފާހަގަކޮށްލަން. މި އޮފީސް އަންނަ އަހަރު ހުޅުވޭތޯ މިދަނީ މަސައްކަތް ކުރަމުން. ނ. މާފަރުގައި ކަސްޓަމްސްގެ އޮފީހެއް ޤާއިމުކުރުމަށް ބަޖެޓް ހަމަޖެހި، އެ މަސައްކަތް ކުރިއަށްދާކަންވެސް ފާހަގަކޮށްލަން" ޝަރީފް ވިދާޅުވިއެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، ސަރުކާރުގެ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން ސިޔާސަތުގެ ދަށުން ކަސްޓަމްސްގައި އިންޓަގްރިޓީ އެންޑް ޕްރޮފެޝަނަލް ސްޓޭންޑަޑްސްގެ ނަމުގައި ސެކްޝަނެއް އުފައްދާފައިވާކަމަށެވެ.
މިކަމުގެ މައިގަނޑު ބޭނުމަކީ ކަސްޓަމްސްގެ މުވައްޒަފުންނަކީ ނަޒާޙަތްތެރި އަދި ޕްރޮފެޝަނަލްކަމާއެކު މަސައްކަތްކުރާ ބައެއްކަން ކަށަވަރުކޮށްގެން، ޚިދުމަތް ހޯދާ ފަރާތްތަކާއި އާއްމު ރައްޔިތުން އިތުބާރުކުރާ މުއައްސަސާއަކަށް ކަސްޓަމްސް ހެދުންކަމަށެވެ. އަދި ނަޒާޙަތްތެރިކަމާއި ފުށުއަރާ ޢަމަލުތައް ދެނެގަނެ އެފަދަ ޢަމަލުތަކާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުއަޅާ ކަސްޓަމްސްގައި ޕްރޮފެޝަނަލް އަދި ނަޒާޙަތްތެރި މާޙައުލެއް ބިނާކުރުމަކީވެސް މި ސެކްޝަންގެ މަޤްޞަދެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ކަސްޓަމްސްގެ ނަޒާޙަތްތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި އިތުރު ހަރުފަތްތަކެއް ގިރާކޮށް، ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ އިންޓަގްރިޓީ ސަބް ކޮމެޓީގެ މި ހިނގާ ދައުރުގެ ޗެއަރޕަރސަންކަން ކުރަމުންދަނީ ރާއްޖޭގެ ކަސްޓަމްސްއިންކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުން ހަރުދަނާކުރުމަށްވެސް މުހިއްމު މަސައްކަތްތަކެއް ކުރެވުނުކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
"ޑަބްލިއު.ސީ.އޯގެ އެހީތެރިކަމާއެކު ކަސްޓަމްސްގައި ޤާއިމުކުރެވިފައިވާ ގްލޯބަލް ޓްރެވަލް އެސެސްމަންޓް ސިސްޓަމް، ޖީޓާސް މެދުވެރިކޮށް ފުލުހުންނާއި، އިމިގްރޭޝަނާއި ދެމެދު މަޢުލޫމާތު ހިއްސާކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރެވި މަސައްކަތްކުރަމުންދޭ. މި ނިޒާމު ޤާއިމުކުރުމުގެ ސަބަބުން، ޓެރަރިޒަމް، މަނީ ލޮންޑަރިން، އަދި ހިއުމަން ޓްރެފިކިންގ ފަދަ ކުށްތައް ހުއްޓުވުމާއި، މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާކަން ފާހަގަކޮށްލަން" ޝަރީފް ވިދާޅުވިއެވެ.
ޝަރީފްގެ ވިދާޅުވީ ކޯވިޑް-19ގެ ދަތި ޙާލަތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ކަސްޓަމްސްގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދެއްވީ އޭގެ ކުރިން އެ މުއައްސަސާގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ރައީސުލްޖުމްހޫރިއްޔާއަށް ފާހަގަކުރެވޭތީކަމަށެވެ. އަދި ކަސްޓަމްސްއަށް ދިމާވެފައިވާ މިފަދަ ބޮޑު މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ދައުރު އަދާކުރަން ފަށާފައިވަނީ މީލާދީން 1890 ވަނަ އަހަރު ޖުލައި މަހު 18 ވަނަ ދުވަހުއެވެ. ބަންޑާރަ ފިހާރައިގެ ނަމުގައި ދޭން ފެށި މި ޚިދުމަތް މިހާރު ބޭނުންކުރާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަމަށް ބަދަލުވީ 11 ނޮވެމްބަރ 1998 ގައެވެ. އަދި ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ މަދަނީ މުއައްސަސާއެއްގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ބަދަލުވެގެންދިޔައީ 11 މެއި 2011 ގައި ތަސްދީގު ކުރެވުނު ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުންނެވެ.