ކުޅިވަރު

އައިސްލަންޑާއި ފްރާންސްގެ ކުރިމަތިލުން އެއްވަރު


ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ގްރޫޕް ޑީގައި އައިސްލަންޑާއި ފްރާންސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފަރަންސޭސި ޓީމެވެ. މިމެޗަށް ނިކުންއިރުވެސް ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކްއާޓަރ ފައިނަލަށް ގޮސްފައިވާ ފަރަންސޭސީން މިމެޗަށް ނުކުތީ އެ ޓީމުގެ ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކެއް ގެނަސްގެންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ފަރަންސޭސީން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ ފުރަތަމަ މިނެޓުގައި މި ލަނޑު އެޓީމަށް ޖަހާދިނީ ކްލާރާ މަޓިއޯ އެވެ. މިމެޗްގައި އައިސްލެންޑުން އެއްވަރު ކުރި ލަނޑު މެޗްގެ އިތުރު ވަގުތުގެ 12 ވަނަ މިނެޓްގައި ޖަހާދިނީ ލިބުނު ޕެނަލްޓީއަކުން ޑަގީން ބްރިންޔާސްޑޯޓައެވެ.

މިމެޗް އެއްވަރު ވުމުން އައިސްލަންޑް ވަނީ ކުއާޓާ ފައިނަލަށް ނުގޮސް ވަނީ ކަޓާފައެވެ. އެއީ މިގްރޫޕްގައި ދެން ކުޅުނު މެޗުން ބެލްޖިއަމް މޮޅުވެ ދެވަނަ މަގާމަށް އަރާފައިވުމުންނެވެ. އަދި ގްރޫޕްގެ އެއްވަނަ ޓީމްގެ ހައިސިއްޔަތުން ފަރަސްސޭސިވިލާތަށް ކްއާޓާ ފައިނަލްގައި ބައްދަލުކުރަންޖެހޭނީ ގްރޫޕް ސީގެ ދެވަނަ ޓީމް ކަމަށްވާ އެންމެފަހުގެ ޗެމްޕިއަން ނެދަލަންޑްސްއާއެވެ.