ދުނިޔޭގެ ވިޔަފާރި

ޖަޕާނުގެ އިޤްޠިޞާދީ ދުވެލި މަޑުވާނެކަމަށް ލަފާކޮށްފި


ޖަޕާނުގެ އިޤްޠިޞާދީ ދުވެލި އަހަރުގެ ކުރިއަށް އޮތްތަނުގައި މަޑުވާނެކަމަށް ލަފާކޮށްފިއެވެ. ރޮއިޓާސް ޕޯލުން ދައްކާގޮތުގައި ޖަޕާނުގެ އިޤްޠިޞާދީ ދުވެލި މަޑުވާން ދިމާވާނެ މައިގައިނޑު ސަބަބަކީ ދުނިޔޭގެ އިޤްޠިޞާދީ ދުވެލި މަޑުވެ ޖަޕާނުގެ އެކްސްޕޯޓަށް އަސަރުކުރުމެވެ.

ރޮއިޓާސް ޕޯލްގައި ބައިވެރިވި އިޤްޠިޞާދީ މާހިރުން ވަނީ އޮކްޓޫބަރު، ޑިސެމްބަރު، ޖެނުއަރީ އަދި މާޗް މަހު ޖަޕާނުގެ އިޤްޠިޞާދީ ދުވެލި ހަލުއިވާނެކަމަށް ލަފާކޮށްފައިވާ މިންވަރު ދަށްކޮށްފައެވެ. އަދި އަހަރުގެ ފަހު ކުއާޓަރު އިޤްޠިޞާދީ ދުވެލި ހަލުއި ވާނީ %3.2އަށް ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. މިއީ ޖޫންމަހު ލަފާކޮށްފައިވާ %4.1އަށް ވުރެވެސް ދަށް އަދަދެކެވެ.

ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިޤްޠިޞާދެއް އޮންނަ ޖަޕާނުގެ ވިޔަފާރީގެ މައިގަނޑު ބައިވެރިންކަމުގައިވާ އެމެރިކާ އާއި ޗައިނާގެ އިޤްޠިޞާދީ ދުވެލިވެސް މަޑުވަމުންދާއިރު މިކަމުގެ އަސަރު ޖަޕާނަށް ކުރަންވަނީ ފަށާފައެވެ.

އިޤްޠިޞާދީ ދުވެލި މަޑުވާނެކަމަށް ލަފާކޮށްފައިވާ ނަމަވެސް އަންނަ މާޗް މަހާއި ހަމައަށް އެ ޤައުމުގެ އިޤްޠިޞާދު ރަގަޅަށް ދެމެހެއްޓޭނެކަމަށް ކަމާއިބެހޭ މާހިރުން ދެކެއެވެ. ޖަޕާނުގެ އިޤްޠިޞާދީ ދުވެލި މަޑުވާނެކަމަށް ލަފާކޮށްފައިވާ މައިގަނޑު ސަބަބަކީ އެމެރިކާގެ އިޤްޠިޞާދީ ދުވެލި މަޑުވުންކަމުގައި އެސް އެންޑް ޕީ ގްލޯބަލް މާކެޓް އިންޓެލިޖެންސްގެ އިސް އިޤްޠިޞާދީ މާހިރު ހަރުމީ ތަގުޗީ ވިދާޅުވިއެވެ. މީގެއިތުރުން ޗައިނާއިން ގެންގުޅޭ ޒީރޯ ކޮރޯނާވައިރަސް އުސޫލުގެ ސަބަބުންވެސް ޖަޕާނުގެ އެކްސްޕޯޓަށް އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.