ޚަބަރު

ޖަރުމަނު ސަފީރުކަމަށް ޝާން، ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ޝިއާން އައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ، ޖަރުމަން ސަފީރުގެ މަޤާމަށާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖެއިން ފެޑެރަލް ރިޕަބްލިކް އޮފް ޖަރމަނީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް، އައްޔަން ކުރެއްވީ ގަލޮޅު ޕެންޒީމާގެ 1، ޢާއިޝަތު ޝާން ޝާކިރު އަދި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް، ގަލޮޅު ސަމަންތާ، އަޙްމަދު ޝިޢާންއެވެ.

އެ ދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ދިވެހިރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރެއްވި، ޢާއިޝަތު ޝާން ޝާކިރު، ކުރިން ހުންނެވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުގައެެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް މިއަދު ޢައްޔަނުކުރެއްވި، އަޙްމަދު ޝިޢާން ކުރިން ހުންނެވީ، އެމިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓެރީގެ މަޤާމުގައެވެ.