ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މާދަމާ ހެނދުނު ޤައުމާ މުޚާޠަބު ކުރައްވަނީ


މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މާދަމާ ޤައުމާއި މުޚާޠަބުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބު ކުރައްވާނީ މާދަމާ ހެނދުނު 10:00 ޖަހާއިރުއެވެ. އެމަނިކުފާނު ޤައުމާ މުޚާތަބު ކުރެއްވުން ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ހެނދުނު 06:00 ގައި ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. މާލޭގައި ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނައެވެ. ހޯމް މިނިސްޓްރީން ވިދާޅުވީ، ރަށްރަށުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ އެރަށެއްގައި ހުރި ސަރުކާރުގެ އެންމެ އިސް އިދާރާއެއްގައި ކަމަށެވެ.


ހަމައެހެންމެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މިލިޓަރީ ޕެރޭޑާއި ޕްރޮސެޝަން މާދަމާ ހަވީރު އޮންނާނެއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުވެރި ކޮށްދެއްވާ މިލިޓަރީ ޕެރޭޑް ފަށާނީ، މާދަމާ ހަވީރު 16:30 ގައި ޖުމްހޫރީ މައިދާނުންނެވެ. މި ޕެރޭޑްގައި ޖުމްލަ 4 ތަނެއްގައި ސިފައިންގެ ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެއެވެ. ޕެރޭޑް ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.

މި ޕެރޭޑު ކުރިއަށްދާނީ އަމީރުއަޙްމަދު މަގުން އިރަށްގޮސް ސޯސަންމަގަށް އަޅައިގެން ދެކުނަށްގޮސް، މަޖީދީމަގުން ހުޅަނގަށްގޮސް ރަސްފަންނު ކައިރިން ބޮޑުތަކުރުފާނު މަގުންގޮސް ކަޅުތުއްކަލާކޮށްޓަށް ނިންމާގޮތަށެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. އެއީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖެއަށް މިނިވަންކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ތާރީޚީ ދުވަހެވެ.