ދުނިޔޭގެ ވިޔަފާރި

އިޓަލީއިން އާ ސްޓިމިއުލަސް ޕެކޭޖްތަކެއް ތައާރަފްކުރަނީ


ކަރަންޓާއި ގޭސް އަދި ޕެޓްރޯލުގެ އަގު އުފުލެމުންދާތީ އާ ސްޓިމިއުލަސް ޕެކޭޖްތަކެއް ތައާރަފްކުރަން އިޓަލީއިން ނިންމައިފާވަކަމަށް އެ ޤައުމުގެ އިޤްޠިޞާދާއި ބެހޭ ވުޒާރާގެ ނާއިބު ލައުރާ ކެސްޓެލީ ވިދާޅުވެއްޖެއެވެ.

33.3 ބިލިއަން އެމެރިކާ ޑޮލަރުގެ މި ސްކީމަކީ މިއަހަރުގެ ޖެނުއަރީން ފެށިގެން ބަޖެޓްކޮށްފައިވާ ސްކީމެކެވެ. އަދި މިއީ މިދިޔަ ހަފްތާ އިސްތިއުފާ ދެއްވާފައިވާ އިޓަލީގެ ކުރީގެ ބޮޑު ވަޒީރު މާރިއޯ ޑްރާގީ މިފަހުން ކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

މި ސްކީމްގެ ދަށުން ސަރުކާރުން އެކަށައަޅާ ބައެއް މިންގަޑުތަކުގެ ތެރޭގައި ކޮންމެހެން ބޭނުންވާ މުހިންމު ކާބޯތަކެތި ކަމަށްވާ ޕާނާ، ޕާސްތާ ފަދަ ތަކެތިން ނަގާ ޓެކްސް ވަގުތީ ގޮތުން ހުއްޓާލުން ފަދަ ކަންތައްތައް ހިމެނޭކަމަށް ކެސްޓެލީ ވަނީ ވިދާޅުވެފައެވެ. އިތުރު މިންގަނޑުތަކުގެ ތެރޭގައި މަދުން އާމްދަނީ ލިބޭ އާއިލާތަކަށް ހަކަތައިން ސަބްސިޑީ ދިނުންވެސް ހިމެނޭކަމަށް ނާއިބު ވިދާޅުވިއެވެ.

އުފުލެމުންދާ އަގުތައް ކޮންޓްރޯލުކުރުމަށް އާ ސްކީމް ފާސްކުރަން ހުށަހަޅާނެކަމަށް އިޓަލީގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެއަށް ފޮނުވާނެކަމަށް ބޮޑު ވަޒީރު ޑްރާގީ ވަނީ މިދިޔަ ހަފްތާ ވިދާލުވެފައެވެ.

އިޓަލީގެ ހާމޮނައިޒްޑް ކޮންސިއުމާ ޕްރައިސް އިންޑެކްސް ޖޫން މަހު ވަނީ 8.5 އިންސައްތައަށް އަރާފައެވެ. އަދި މި އަދަދު މެއިމަހު ހުރީ 7.3 އިންސައްތަގައެވެ.