ޚަބަރު

މާޅޮހު ބަނދަރުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް


އއ. މަޅޮހަކީ ލަފާފުރުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާރަށެކެވެ. ރަށުގައި މިހާރު ބޭނުންކުރާ ބަނދަރު ވަރަށް ބޮޑަށް ހަލާކުވެފައިވުމުން، ރަށުގެ ރައްޔިތުން ތިބީ މިކަމަށް ޙައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. މާޅޮހުގެ ރައްޔިތުންގެ މި ހުވަފެން ހަޤީޤަތަކަށް ހަދާ، ރަށުގައި އައު ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މިހާރު އެރަށުގައި ބޭނުން ކުރަމުން އަންނަ ބަނދަރަކީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ހަދާފައިވާ 300 ފޫޓުގެ ބަނދަރެކެވެ. އެރަށަކީ ގާމަތީ ރަށަކަށްވުމާއެކު، މިހާރު މިބަނދަރު އޮތްގޮތުން ކަނޑުގަދަ ދުވަސްވަރު ބަނދަރަށް ވަދެނުކުމެ ހެދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭކަމަށް މާޅޮހު ކައުންސިލާއި ރައްޔިތުން ފާހަގަކުރެއެވެ.

މާޅޮހުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 10 ނޮވެމްބަރު 2020 ގައެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 5 ދުވަހުއެވެ.

މި މަޝްރޫޢުގެ މަސައްކަތް މިހާރު ބާރު ދުވެލީގައި ކުރިއަށްދާއިރު، މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް %60 މަސައްކަތް މިހާރު ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. އެގޮތުން ބޭރުތޮށިލުމުގެ މަސައްކަތް އެއްކޮށް ވަނީ ނިންމާލާފައެވެ. އަދި މިހާރު ކުރިއަށްދަނީ ވެލިގަނޑު ހިމާޔަތްކުރުމަށްޓަކާ ގްރޮއިންސް ޖެހުމުގެ މަސައްކަތްކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.

މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 56.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.

30.3 ހެކްޓަރުގެ މާޅޮހަކީ ގާތްގަނޑަކަށް 700 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ރަށެކެވެ. މި ރަށަކީވެސް ފަތުރުވެރިކަމަށް މަޤުބޫލު ރަށަކަށްވުމާއެކު، ބަނދަރުގެ މަސައްކަތް ނިމި، ލަފާފުރުމުގެ ދަތިކަމަށް އެކަށީގެންވާ ޙައްލެއް ލިބިގެންދިއުމަކީ ރަށަށް އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުންވެސް އިތުރު ކުރިއެރުމާއި ތަރައްޤީ ގެނުވާނެކަމެއްކަމަށް ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.