މިނިވަން ދުވަހާ ގުޅިގެން ބާއްވަމުން އަންނަ ފަންނާންގެ ދިވެހި މިއުޒިކީ ޢީދު ޝޯވ އައްޑޫ ސީޓީގައި މިރޭ އޮންނާނެއެވެ. މިއީ މާލެއިން ބޭރުގައި މި ޝޯވ ބާއްވާ ފުރަތަމަ ފަހަރެވެ.
"ދިވެހި ފަންނާނުގެ މިއުޒިކީ ޢީދު" ޝޯވ މިއަހަރު އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމާފައިވަނީ، އަތޮޅުތަކުގައި ތިބި ފަންނާނުންނަށް މިފަދަ ހަރަކާތްތަކުގެ ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްކަމަށް ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސް، އެން.ސީ.އޭއިން ވިދާޅުވެއެވެ. އެގޮތުން މި ޝޯވ މިރެއާއި މާދަމާ ރޭ އައްޑޫ ސިޓީގައި އޮންނާނެއެވެ. މި ދެރޭވެސް ޝޯވ ކުރިއަށްދާނީ އައްޑޫ ސިޓީ ހިތަދޫ ސްޓޭޖުގައެވެ. މިރޭގެ ޝޯވ ފަށާނީ 20:30 ގައެވެ.
މިރޭގެ ޝޯވ ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ. އަދި ޝޯވގައި މާލެއިން ޕަރފޯމްކުރާ އާޓިސްޓުންވެސް މިހާރު ވަނީ އައްޑޫ ސިޓީއަށް ގޮސްފައެވެ. މި ފަންނާނުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ހޫނު މަރުޚަބާއެއް ކިޔާފައިވެއެވެ.
ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދުގެ ބައިވެރިން:#Dfme pic.twitter.com/ESVyPJEZmj
— NCA (@NCA_MDV) July 26, 2022
އެން.ސީ.އޭއިން ވިދާޅުވީ، މިފަހަރުގެ ފަންނާނުންގެ މިއުޒިކީ ޢީދުގައި އައްޑޫގެ 2 މިއުޒިކް ބޭންޑަކާއި، ބައެއް އާޓިސްޓުން ބައިވެރިވާނެކަމަށެވެ. މާލޭގައި މަސައްކަތް ކުރާ އެކި ބޭންޑުތަކާ ފަންނާނުންވެސް ބައިވެރިވާނެއެވެ. އެގޮތުން ޓްރެފިކް ޖޭމް، އިކުއިޓިކް ވައިބް އަދި ބައެއް އަމިއްލަ ލަވަކިޔުންތެރިންވެސް ބައިވެރިވާނެއެވެ. މީގެއިތުރުން ނެށުމުގެ ފަންނުވެރިކަމުގައި މަސައްކަތް ކުރާ ބައެއް ފަންނާނުން ބައިވެރިވާނެކަމަށްވެސް އެން.ސީ.އޭއިން ވިދާޅުވެއެވެ.
މިއީ ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ފަންނާނުންތަކެއް އެއް ޝޯވއަކުން ފެންނަ އެންމެ ބޮޑު ހަރަކާތެވެ. މިފަހަރުގެ ޝޯވ މި ބާއްވަނީ ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސްއާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެންނެވެ. މިފަހަރުގެ ފަންނާނުގެ މިއުޒިކް ޢީދުގެ މެއިން ސްޕޮންސަރުންނަކީ އެމް.ޓީ.ސީ.ސީ، އެސް.ޓީ.އޯ، ފެނަކަ ކޯރޕަރޭޝަން އަދި އުރީދޫ މޯލްޑިވްސްއެވެ.
ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު ޝޯވ އަކީ ކޮންމެ އަހަރަކުވެސް ވަރަށް ކުލަގަދަކޮށް ބާއްވަމުން އަންނަ ހަރަކާތެކެވެ. މިއީ ޒުވާނުންނާ އާއްމުންގެ ތަރުޚީބުވެސް ވަރަށް ބޮޑަށް ލިބެމުންދާ ހަރަކާތެކެވެ. ކޯވިޑްގެ ޙާލަތުގައި އޮތްއިރުވެސް މި ޝޯވ ވަރޗުއަލްކޮށް ކުރިއަށްގެންގޮސްފައިވެއެވެ.