ބަންގްލަދޭޝްއަށް އެހީވާން ތައްޔާރަށް އޮތް ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ހާމަކޮށްފިއެވެ.
ބަންގްލަދޭޝްއަކީ ޕާކިސްތާނާއި ސްރީލަންކާއަށް ފަހު އައިއެމްއެފްގެ ލޯނު އެހީއަށް އެދުނު ދެކުނު އޭޝިއާގެ 3 ވަނަ ގައުމެވެ.
އައިއެމްއެފްއިން ބަންގްލަދޭޝްއަށް އެހީވާން ތައްޔާރަށް އޮތްކަމަށާއި ފަންޑުން ގާއިމްކޮށްފައިވާ ސިޔާސަތުތަކާއި އުސޫލުތަކާއި އެއްގޮތަށް ޕްރޮގްރާމް ޑިޒައިން ކުރުމުގައި ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން އައިއެމްއެފްގެ މުވައްޒަފުން ކުރިއަށްގެންދާނެކަމަށް އައިއެމްއެފްގެ ތަރުޖަމާނު ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ހެދި ގޮންޖެހުންތައް ކުރިމަތިވާ ޤައުމުތަކަށް ކުރިމަތިލާން ގައުމުތަކަށް އެހީތެރިވުމަށް އަމާޒުކޮށްގެން އުފައްދާފައިވާ އާ ރެސިލިއެންސް އެންޑް ސަސްޓެއިނަބިލިޓީ ފެސިލިޓީއަށް ބަންގްލަދޭޝް ޝައުގުވެރިވާ ކަމަށާއި "އެކޮމްޕެނީންގ އައިއެމްއެފްގެ ޕްރޮގްރާމް" ގައި ބައިވެރިވުމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބަންގްލަދޭޝްއިން އެދިފައިވާކަމަށްވެސް އައިއެމްއެފްއިން ބުނެއެވެ.
ބަންގްލަދޭޝްގެ މާލީ ވަޒީރު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން އައިއެމްއެފްގެ ލޯނެއް ނަގާނީ ޝަރުތުތައް ރަނގަޅުނަމައެވެ. މީގެއިތުރުން ލޯނު ނަގާއިރު އެ ޤައުމުގެ މެކްރޯ އިޤްޠިސާދީ ހާލަތު ރަނގަޅުތޯވެސް ބަލާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ޑެއިލީ ސްޓާ ނޫހުން އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ޖުމްލަކޮށް ބަލާއިރު އެގައުމުން ބޭނުންވީ އައިއެމްއެފްއިން 4.5 ބިލިއަން ޑޮލަރު ކަމަށާއި އޭގެ ތެރޭގައި ބަޖެޓާއި ބެލެންސް އޮފް ޕޭމަންޓް ސަޕޯޓްވެސް ހިމެނެއެވެ.
އަންނައުނު އުފެއްދުން ފިޔަވައި، ރެމިޓެންސްއަކީ ގާތްގަނޑަކަށް 170 މިލިއަން މީހުން ދިރިއުޅޭ ބަންގްލަދޭޝްއަށް ބޭރު ފައިސާގެ ދެވަނައަށް އެންމެ ގިނައިން ލިބޭ މަގެވެ.
ބަންގްލަދޭޝްގެ ވިޔަފާރީގެ ޑެފިސިޓް ފުޅާވެ، ރެމިޓެންސް ދަށްވުމުން ޖުލައި މަހުން މެއި މަހުގެ ނިޔަލަށް ކަރަންޓް އެކައުންޓް ޑެފިސިޓް 17.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، އޭގެ ކުރީ އަހަރު 2.78 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ ޑެފިސިޓް އަރާފައެވެ.
ބަންގްލަދޭޝްގެ 416 ބިލިއަން އެމެރިކާ ޑޮލަރުގެ އިޤްޠިސާދަކީ ދުނިޔޭގައި އެންމެ އަވަހަށް ކުރިއަރަމުން އަންނަ އެއް އިޤްޠިސާދެވެ. ނަމަވެސް ރަޝިޔާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ހަކަތަ އާއި ކާބޯތަކެތީގެ އަގު އުފުލިގެން ދިއުމުން އެ ގައުމުގެ އިމްޕޯޓް ބިލާއި ކަރަންޓް އެކައުންޓް ޑެފިސިޓް ވަނީ އިތުރުވެފައެވެ.