ޚަބަރު

އަލިފުށީގައި އެއަރޕޯޓް އަޅަން ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި


ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފެށުމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް އިފްތިތާޙްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިންނެވެ.

އަލިފުށީގައި އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ފަޅުން ބޮޑުބައެއް ހިއްކައިގެންނެވެ. މި މަސައްކަތަށް ބޭނުންވާ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު އެއްވަނަ ދުވަހުއެވެ.

އަލިފުށި ބިންހިއްކުމާއި އެއަރޕޯޓްގެ އަމަލީ މަސައްކަތް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އަލިފުށިން ހިއްކާ ބިމަކީ ހަމައެކަނި އެއަރޕޯޓަށް ޚާއްސަކޮށްގެން ހިއްކާ ބިމެއް ނޫންކަމަށާއި ހިއްކި ބިމުން އަލިފުށި ރައްޔިތުންގެ ބޯހިޔާވަހިކަމަށްވެސް ބޭނުންކުރެވޭނެކަމަށެވެ. އާޒިމް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ދަތުރުފަތުރުކުރުމަށް އުފުލި ތަކުލީފަށް ނިމުން އަންނާނެކަމަށެވެ.

"މި މަޝްރޫޢުއަކީ އެމްޓިސީސީގެ ޙަޔާތުގައިވެސް ހިއްކޭ އެންމެ ބޮޑު އެއް ބިން. މިބިން އަލިފުށީގެ ބިމާ ގުޅާ ލެވިގެންދާނެ. އަލަށް އިތުރުކުރެވޭ ބިމާއެކު އަލިފުށީގެ ބިމުގެ ބޮޑުމިން 96 ހެކްޓަރަށް ބަދަލުވެގެންދާނެ."އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލިފުށި ދާއިރާގެ މަޖިިލިސް މެމްބަރ މުޙައްމަދު ރަޝީދު ހުސައިން ވިދާޅުވީ އަލިފުށީގެ ރައްޔިތުން އަބަދުވެސް ގެންދިޔައީ ވައިގެ މަގުން އަލިފުއްޓަށް ދަތުރުކުރެވޭނެ ދުވަހެއްގެ ވާހަކަތައް ދައްކަމުން ކަމަށެވެ. އަދި މި މަސައްކަތް ހަޤީގަތަކަށް ހެއްދެވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށް އޭނާ ވިދާޅުވިއެވެ.

"އެކި ރަށްރަށުގައި އެއަރޕޯޓް އެޅުމަށް ބަޖެޓް ފޮތުގައި ކޯޑެއް އޮވޭ. ބަޖެޓް ފޮތުގައި އަލިފުށީގައި އެއާޕޯޓް އެޅުން ސީދާ ލިޔެފައި ނެތަސް އޭގެ ތެރެއިން އެ މަސައްކަތް ކުރަމުން ދިޔަ. އެންމެ ފަހުން ވަޒީރުންނާއި ރައީސް ވެސް އާނ ބަސް ވިދާޅުވި. ދެން އެމްޓީސީސީއަށް އަގެއް ހުށަހަޅައިގެން ގެންދެވޭ ގޮތަށް ހަމަޖެހުނީ."ލިފުށި ދާއިރާގެ މަޖިިލިސް މެމްބަރ މުޙައްމަދު ރަޝީދު ހުސައިން ވިދާޅުވިއެވެ.

އަލިފުށީގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކާ އެއަރޕޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ އެއް ފަހަރާ މިހާ ބޮޑު ސްކޯޕެއްގައި ސަރުކާރު ކުންފުންޏަކަށް ޕްރޮޖެކްޓެއް ޙަވާލުކުރި ފުރަތަމަ ފަހަރެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރާ މިމަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމާއި، ޓާރމިނަލް ބިލްޑިންގ އަކާއި ފަޔަރ ބިލްޑިންގ އެއް އެޅުމާއި، އަލިފާން ނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
އަލިފުށީގައި އެއަރޕޯޓް ތަރައްޤީކުރުމަށް ނިންމާފައިވަނީ 1200 މީޓަރު ދިގު ރަންވޭއަކާއެކުއެވެ. މިއީ ރ. އަތޮޅުގައި ތަރައްޤީކުރާ ދެވަނަ އެއަރޕޯޓެވެ.