މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތުގައި ބޭނުންކުރުމަށް 1500 އަށް ވުރެ ގިނަ ޓެބްލެޓް ލިބިފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓްކްސްއިން ވިދާޅުވެއްޖެއެވެ.
ބޯހިމެނުމުގެ މަސައްކަތުގައި ޖުމުލަ 1743 ޓެބްލެޓް ބޭނުންވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓްކްސް އިން ވިދާޅުވެއެވެ.
ސްޓެޓިސްޓިކް ބިއުރޯއިން ޕީއެސްއެމް ނިއުސްއަށް ފޯރުކޮށްދިން މަޢުލޫމާތަށް ބަލާއިރު ބޯހިމެނުމުގެ މަސައްކަތަށް ބޭނުންވާ ޓެބްލެޓްގެ ތެރެއިން 1560 ޓެބްލެޓް މިހާރު ވަނީ ލިބިފައެވެ. މިގޮތުން ދިވެހި ދަޢުލުތުންނާއި ރާއްޖޭގައި ހިންގާ އެކި އޮގަނައިޒޭޝަންތަކުންވެސް ޓެބްލެޓްތައް ވަނީ ފޯރުކޮށްދީފައެވެ.
އޭގެ ތެރޭގައި ވާރލްޑް ބޭންކުން މިހާތަނަށް ވަނީ 300 ޓެބްލެޓް ހަދިޔާކޮށްފައެވެ. ޔޫއެންޑީޕީން 110 ޓެބްލެތް ހަދިޔާކޮށްފައިވާއިރު އޭޑިބީން ވަނީ 50 ޓެބްލެޓް ހަދިޔާކޮށްފައެވެ. އަދި ޔުނިސެފްއިން ވަނީ 100 ޓެބްލެޓް ހަދިޔާކޮށްފައެވެ. މި މަސައްކަތަށް ދިވެހި ދައުލަތުގެ ބަޖެޓުން 812 ޓެބްލެޓް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން 250 ޓެބްލެޓް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ބޯހިމެނުމުގައި ބޭނުންކުރުމަށް ޓެސްޓުކުރުމުގެ މަސައްކަތް ފައްށާފައިވާކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވެއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ފަށާ ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ތަމްރީންކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިހާރު ވަނީ މާލެ ސަރަހައްދުގެ ޓްރެއިނިންގ އޮފް ޓްރެއިނަރސް ފުރަތަމަ ބެޗް ތަމްރީންކޮށް ނިންމާފައެވެ. އަދި މިހާރު ތައްޔާރުވަމުންދަނީ އަތޮޅުތެރޭގެ ޓްރެއިނިންގ އޮފް އެނިއުމަރޭޓަރސް ރައުންޑް 1 ގައި ހިމެނޭ ރަށްތަކުގައި ހަރަކާތްތެރިވާނެ މީހުން ތަމްރީންކުރުމަށެވެ ޖުމްލަ 22 ސެންޓަރެއްގައި ކުރިއަށް ގެންދެވޭ މި ތަމްރީން ތަކުގައި ކުޅުދުއްފުށި ސިޓީ ފިޔަވައި ހއ، ހދ، ށ އަދި ނ އަތޮޅުގައި ބޯހިމެނުމުގެ މުއްދަތުގައި އަމަލީގޮތުން މަސައްކަތްކުރާ ހުރިހާ ކުދިން ތަމްރީން ވެގެންދާނެކަމަށް ސްޓެޓިސްޓިކް ބިއުރޮއިން ވިދާޅުވެއެވެ.
ސްޓެޓިސްޓިކް ބިއުރޯއިން ވިދާޅުވީ މާލެ ސަރަހައްދުން ޓްރެއިންވާ ކުދިންނަށް ޓްރެއިނިންގއަށް އަންނަންވީ މުއްދަތު ސިލެކްޓްކުރުމަށް ޕޯޓަލްއެއް މިހަފްތާގައި ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެކަން އެ ބިއުރޯއިން އެސް.އެމް.އެސްގެ ޒަރިއްޔާއިން ކުދިންނަށް އަންގަމުންދާނެކަމަށް އެ ބިއުރޯއިން ވިދާޅުވެއެވެ.
މިފަހަރުގެ ބޯހިމެނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން އަދި އިގްތިސާދީ މަސައްކަތް ހިންގާ ތަންތަނުގެ ބޯހިމެނުމެވެ. މިގޮތުން ބޯހިމެނުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ތާރީހަކީ ސެޕްޓެމްބަރު މަހުގެ 13 އިން 25 އަށެވެ. 13 އިން 14އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މީހުން ދިރިއުޅޭ އަދި މަސައްކަތް ހިންގާ ހުރިހާ ތަންތަނުގެ ލިސްޓިންގ ނެގުމުގެ މަސައްކަތެވެ. އަދި 17 އިން 25 އަށް ކުރިއަށްދާނީ ވަކިވަކި ގޭބިސީތަކަށް ގޮސްގެން ދިރިއުޅޭ ތަންތަނާއިބެހޭ މައުލޫމާތު އަދި ވަކި ވަކި މީހުންގެ މައުލޫމާތު ނެގުމުގެ މަސައްކަތެވެ.
ބޯހިމެނުމަށްޓަކައި މަޢުލޫމާތުތައް ނެގުމަށް މި ޓީމުން ތަންތަނަށް ޒިޔާރަތް ކުރާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން އިރުއޮއްސި 6:00 ޖެހުމާއި ދެމެދުގައެވެ.
ރާއްޖޭގެ އާބާދީއާއި ބޯހިމެނުމުގެ ބައެއް މަޢުލޫމާތުތައް އޮކްޓޯބަރު 6 ވަނަ ދުވަހު ޢާއްމުކުރާނެއެވެ. އަދި މުޅި ސަރވޭގެ މަޢުލޫމާތު ހާމަކުރާނީ ޤައުމީ ތަފާސް ހިސާބުތަކުގެ ދުވަސްކަމަށްވާ އޮކްޓޯބަރު 20 ގައެވެ.