ޚަބަރު

ނެސްލޭ އިން އަނެއްކާވެސް އަގުތައް އުފުލައިފި


ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ކިޓްކެޓް އުފައްދާ ކުންފުނި ނެސްލޭ އިން އަނެއްކާވެސް އަގުތައް އުފުލައިފިއެވެ.

ސްވިޒަލޭންޑްގެ ކާބޯތަކެތި އުފައްދާ ބޮޑު ކުންފުނިން ބުނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި %6.5 އަގު އުފުލާފައިވާކަމަށެވެ. މެކްޑޮނަލްޑްސް އާއި ކޮކާކޯލާ އިން ވެސް ވަނީ މި ހަފްތާގެ ތެރޭގައި އަގު ބޮޑުކުރާނެކަން އިއުލާންކޮށްފައެވެ.

ތެލާއި އުޖޫރަ އަދި އެނޫންވެސް ފަދަ ތަކެތީގެ ހަރަދުތައް އިތުރުވެފައިވާއިރު، އިނގިރޭސިވިލާތުގައި ކޮންސިއުމަރ އަގުތައްވެސް ދަނީ އުފުލެމުންނެވެ. ޗީރިއޯޒް އާއި ސްމާޓީސް ވެސް އުފައްދާ ނެސްލޭއިން މީގެކުރިންވެސް ވަނީ 2021 ވަނަ އަހަރުގެ ފަހު 3 މަސް ދުވަހުގެ ތެރޭގައި އެމީހުންގެ އަގު %3.1 އަށް އުފުލާފައެވެ.

އަގުތައް އެންމެ ބޮޑަށް އުފުލިފައިވަނީ އުތުރު އެމެރިކާގައެވެ. އުތުރު އެމެރިކާ ގެ އަގުތައް %9.8 އަށް އުފުލިފައިވާއިރު، ޔޫރަޕްގެ އަގުތައް ވަނީ %4.9 އުފުލިފައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ނެސްލޭ އިން ބުނިގޮތުގައި އޯގަނިކް ސޭލްސް އަހަރުގެ ފުރަތަމަ ކުއާޓަރުގައި %8.1 އަށް އިތުރުވެފައިވާ ކަމަށެވެ. އަދި މި އަހަރުގެ އޯގަނިކް ސޭލްސް ކުރިއަރާނެ މިންވަރު ވަނީ %7 އާއި %8 އާއި ދެމެދުގެ މިންވަރަކަށް މަތިކޮށްފައެވެ.

ރަޝިޔާގައި ޓެކްސް ބޮޑުވުމާއި މުދަލާއި އިކުއިޕްމަންޓްތައް ރައިޓްއޮފް ކުރުން ހިމެނޭ ގޮތަށް އެއްފަހަރާ ނަގާ ތަކެތީގެ ސަބަބުން ނެސްލޭގެ ސާފު ފައިދާ ވަނީ %11.7 އަށް ދަށްވެ 5.4 ބިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން މާރިޗު މަހު ނެސްލޭ އިން ވަނީ ރަޝިޔާގައި ކުރާ އިންވެސްޓްމަންޓް ހުއްޓާލައި، އެ ކުންފުނީގެ މަޝްހޫރު ބްރޭންޑްތައް އެ ޤައުމުން ބޭރުކޮށްފައެވެ. ނަމަވެސް އަދިވެސް ރަޝިއާއިން ބެބީ ފޯމިއުލާ އާއި މެޑިކަލް ނިއުޓްރިޝަން ޕްރޮޑަކްޓްސް ފަދަ ކޮންމެހެން ބޭނުންވާ ތަކެތި ލިބެއެވެ.

ނެސްލޭގެ އިތުރުން މެކްޑޮނަލްޑްސް އިންވެސް ވަނީ އެމީހުން އުފައްދާ ތަކެތީގެ އަގު އުފުލާފައެވެ. އެގޮތުން 14 އަހަރަށްވުރެ ގިނަ ދުވަސް ފަހުން މެކްޑޮނަލްޑްސް އިން ވަނީ ޗީޒްބަރގަރުގެ އަގު ބޮޑުކޮށްފައެވެ.

އެމެޒޯނުން ވެސް ވަނީ އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށް އަގުތައް ބޮޑުކުރަމުންދާކަން އިޢުލާންކޮށްފައެވެ. އެގޮތުން ސެޕްޓެމްބަރު މަހުން ފެށިގެން ޕްރައިމް ސަބްސްކްރިޕްޝަން ޚިދުމަތުގެ އަގު މަހަކު އެއް ޕައުންޑް މައްޗަށް ޖައްސާފައިވާ ކަމަށް އެމެޒޯން އިން ބުނެއެވެ.