ސިންގަޕޯރ އެއަރލައިންސް، އެސް.އައި.އޭ އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 370 މިލިއަން ސިންގަޕޫރު ޑޮލަރު ލިބިއްޖެއެވެ.
ފުރަތަމަ ކުއާޓަރުގެ މި ފައިދާ އަކީ މީގެ އަހަރެއްހާ ދުވަސް ކުރިން އެ އެއަރލައިނަށް ލިބުނު 409 މިލިއަން ސިންގަޕޯރ ޑޮލަރުގެ ގެއްލުމާއި އަޅާބަލާއިރު ލިބުނު ބޮޑު ކުރިއެރުމެކެވެ. އެ މުއްދަތުގައި ކުން ފުންޏަށް ލިބުނު އާމްދަނީގެ ތިންބައިކުޅަ ދެބަޔަކީ ހަމައެކަނި ކާގޯއިން ލިބުނު އާމްދަނީއެވެ.
އެސް.އައި.އޭ ގްރޫޕްގެ އެންމެ ފަހުގެ އޮޕަރޭޓިން ނަތީޖާއިން ދައްކާ ގޮތުގައި އެ ކުންފުނީގެ ދެ އެއަރލައިން ކަމަށްވާ އެސް.އައި.އޭ އާއި ސްކޫޓްއިން ފުރަތަމަ ކުއާޓަރުގައި ޖުމްލަ 5.1 މިލިއަން ފަސިންޖަރުން އުފުލާފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓާއާއި އަޅާބަލާއިރު %158.2 އިތުރު އަދަދެކެވެ.
ޖޫން 30 އާ ހަމައަށް ފާއިތުވި 3 މަސް ދުވަހުގެ ތެރޭގައި އެސް.އައި.އޭއަށް ލިބުނު އާމްދަނީ ތިންގުނަ އިތުރުވެ 3.9 ބިލިއަން ސިންގަޕޫރު ޑޮލަރަށް ވަނީ އަރާފައެވެ.
އެސް.އައި.އޭ އިން ނެރުނު ބަޔާނެއްގައި ވާގޮތުން އަހަރު ނިމޭ ޗުއްޓީ ދަތުރާއި ދިމާވާއިރު ދަތުރުފަތުރަށް އޮތް ޑިމާންޑް ވަރުގަދަ ވާނެ ކަމަށް ބެލެވެއެވެ. އަދި ކުރިއަށްއޮތް ތިން މަސް ދުވަހުވެސް ޑިމާންޑު އިތުރުވާނެކަމަށް ލަފާކޮށްފައިވާކަމަށްވެސް އެ ބަޔާނުގައި ވެއެވެ. ނަމަވެސް އެސްއައިއޭ އިން ބުނީ ތެލުގެ އަގު މަތިވުން ހިމެނޭ ގޮތަށް އިންފްލޭޝަންގެ ޕްރެޝަރާއިހެދި ފައިދާވާނެ ކަމުގެ ކަންބޮޑުވުންވެސް އެބައޮތް ކަމަށެވެ.
އެސް.އައި.އޭ ގްރޫޕްގެ މުހިއްމު މާކެޓްތައް ހިމެނޭ ގޮތަށް ދުނިޔޭގެ ގިނަ ޤައުމުތަކުގެ އިންޓަރެސްޓް ރޭޓް ބޮޑުވުމާއިނ އިޤްތިޞާދީ ކުރިއެރުން މަޑުޖެހުމަކީ ފަސިންޖަރުންގެ ދަތުރުފަތުރު ރަނގަޅުވުމާއި އެއަރ ކާގޯ ޑިމާންޑަށް ހުރި ގޮންޖެހުންތަކެއްކަމަށް އެ އެއަރލައިނުން ބުނެއެވެ.