ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވްގެ މަޤާމުގައި ހުންނެވި އަޙްމަދު މުޖުތަބާ ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މުޖުތަބާ ނިޔާވީ، އޭނާގެ އުފަން ރަށް ގއ. ދެއްވަދޫގައި ޗުއްޓީއެއްގައި ހުންނަވަނިކޮށް ކުއްލިއަކަށް ބަނޑުގައި ރިއްސާ، ޙާލު ދެރަވުމާގުޅިގެން ގދ. ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެގެނެސް އައި.ޖީ.އެމް.އެޗްގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނެވެ.
މުޖުތަބާ ފިނޭންސް މިނިސްޓްރީއާއި ގުޅިވަޑައިގަތީ 2008 ވަނަ އަހަރުގައެވެ. ފާއިތުވި 14 އަހަރު ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރެއްވުމުގައި ވަރަށް އިސް ދައުރެއް މުޖުތަބާ ވަނީ އަދާ ކުރައްވާފައެވެ.
މުޖުތަބާ ކުއްލި ގޮތަކަށް ނިޔާވުމާގުޅިގެން މި ހިތާމައިގައި ފިނޭންސް މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ބައިވެރިވާކަން ހާމަކުރައްވާ އެ މިނިސްޓްރީން ނެރުނު ތައުޒިޔާގެ މެސެޖުގައި މަރްހޫމަށް ސުވަރުގޭގެ ނިއުމަތް ދެއްވާ، އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް އެދި ދުއާކުރައްވާފައިވެއެވެ.
މި މިނިސްްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކްޓިވްގެ މަޤާމުގައި ހުންނެވި އަޙްމަދު މުޖުތަބާ މިއަދު ހެނދުނު ކުއްލި ގޮތަކަށް ވަނީ ނިޔާވެފައެވެ. މަރްހޫމަށް ސުވަރުގޭގެ ނިއުމަތް ދެއްވާ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. pic.twitter.com/N39vb2XYq0
— Ministry of Finance (@MoFmv) July 29, 2022
ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވްގެ މަޤާމުގައި ހުންނެވި މުޖުތަބާ މީގެ ކުރިން ވަނީ ޓެންޑާ ބޯޑުގެ އިސްވެރިޔާގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ.
މުޖުތަބާއަކީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެމް.ޓީ.ޑީ.ސީގެ ޑިރެކްޓަރެއްވެސްމެއެވެ. މުޖުތަބާ ވަނީ އެކައުންޓިންގެ ދާއިރާ އިން މެލޭޝިއާގެ މަލްޓިމީޑިއާ ޔުނިވަސިޓީން ޑިގްރީ ޙާޞިލުކުރައްވާފައެވެ.