ދުނިޔޭގެ ވިޔަފާރި

ލަފާކުރިގޮތަށް އިޤްޠިސާދީ ކުރިއެރުން ނުލިބިދާނެކަމަށް ޗައިނާއިން ބުނެފި


ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ ހުރަސްތަކާއިހެދި ލަފާކުރިގޮތާ އެއްގޮތަށް އިޤްޠިޞާދީ ކުރިއެރުން ނުލިބިދާނެކަމަށް ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްޠިޞާދު އޮންނަ ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ އެންމެ މަތީ ސިޔާސަތު ކަނޑައަޅާ ޖަމާއަތް ކަމަށްވާ ޕޮލިޓްބިއުރޯއިން ބުނީ އެ ޕާޓީގެ އަމާޒަކީ ކުރިއެރުން "އެކަށީގެންވާ ރޭންޖެއްގެ ތެރޭގައި" ބެހެއްޓުމެވެ. ނަމަވެސް އިޤްޠިޞާދު ކުރިއަރާނެކަމަށް ރަސްމީކޮށް ކުރިން ކަނޑައަޅާފައިވާ %5.5 ވާހަކައެއް އެ ޖަމާއަތުން ފާހަގަކޮށްފައެއް ނުވެއެވެ.

ރައީސް ޝީ ޖިންޕިންގްގެ ރިޔާސަތު ބަލަހައްޓަވާ 25 މެމްބަރުން ހިމެނޭ ޕޮލިޓްބިއުރޯގެ ކުއާޓަރލީ އިގްތިސާދީ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލީޑަރުން "ވީހާވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރާނެ" ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށް ޕްރޮވިންސުތަކުންވެސް މަސައްކަތްކުރުމަށް އެ ޖަމާއަތުން ގޮވާލައެވެ.

ޗައިނާއިން ގެންގުޅޭ ޒީރޯ ކޯވިޑް ސިޔާސަތުގެ ދަށުން ބޮޑެތި ސިޓީތައް ވަނީ އެއްކޮށް ނުވަތަ ވަކި ވަރަކަށް ފުރަބަންދުކޮށްފައެވެ.

ފުރަބަންދުގެ ސަބަބުން ބޮޑަށް އަސަރުކޮށްފައިވާ ސަރަޙައްދުތަކުގެ އިޤްޠިޞާދު ފޫބެއްދުމަށް މަސައްކަތްކުރުމަށް ޕްރޮވިންސްތަކަށް ޗައިނާއިން ވަނީ ގޮވާލާފައެވެ. އަދި އިޤްޠިޞާދު ނިސްބަތުން ރަނގަޅު ހާލަތުއްގައި ހުރި ޕްރޮވިންސްތަކުން މިއަހަރުގެ އިޤްޠިޞާދީ އަދި އިޖުތިމާއީ އަމާޒުތައް ހާސިލް ކުރުމަށް މަސައްކަތް ކުރުމަށްވެސް ޗައިނާއިން ގޮވާލާކަމަށް މާހިރުން ވިދާޅުވެއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޗައިނާގެ އިޤްޠިޞާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ މި މަހު ކުރީކޮޅުވެސް އެ ޤައުމުން ވަނީ ބުނެފައެވެ. ޗައިނާގައި މީގެކުރިން ކުރިއަރަމުން އަންނަ ގެދޮރު ވިއްކުމުގެ ވިޔަފާރިވެސް ވަނީ ޖެހިޖެހިގެން 11 މަސް ދުވަހު ދަށަށްގޮސްފައެވެ.