ދުނިޔޭގެ ވިޔަފާރި

އެޕަލް އާއި އެމެޒޯންގެ ވިޔަފާރި ކުރިއަރައިފި


ތަކެތީގެ އަގު އުފުލެމުންދާ މިދަނޑިވަޅުގައިވެސް ހީކުރި ވަރަށްވުރެ ރަނގަޅަށް އެޕަލްއާއި އެމެޒޯންއިން ވިޔަފާރި ކުރިއަރައިފިއެވެ. މިއާއިއެކު ދުނިޔޭގެ އިޤްޠިޞާދަށް ހީނަރުކަން ކުރިމަތިވީނަމަވެސް ވިޔަފާރި ކުރިއެރުވޭނެކަން ދެ ކުންފުނިންވެސް އިންވެސްޓަރުންނަށް މިވަނީ ޔަޤީންކޮށްދީފައެވެ.

ދެ ކުންފުނިންވެސް ބުނާގޮތުގައި ހަލުވި ރޭޓެއްގައި އަގުތައް މައްޗަށް ދިޔަ ނަމަވެސް ހިންގުމުގެ ޚަރަދުތައް ކޮންޓްރޯލް ކުރުމުގައި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށެވެ.

އެޕަލްގެ ޗީފް އޮޕަރޭޓިންގް އޮފިސަރ ލޫކާ މެއެސްޓްރީ ވިދާޅުވިގޮތުގައި ކުންފުނީގެ ޖޫން ކުއާޓަރުގެ ނަތީޖާތަކުން ފެނުނީ ގޮންޖެހުން ބޮޑު މާހައުލެއްގައިވެސް ފައިދާހުރިގޮތެއްގައި ވިޔަފާރި ބެލެހެއްޓުމުގެ ޤާބިލުކަން ކުންފުންޏަށް ލިބިފާއިކަން ކަމެވެ. ނަމަވެސް ދެ ކުންފުނީގެވެސް މިދިޔަ އަހަރުގެ ވިޔަފާރި ދަށަށްގޮސްފައިވާކަމަށް ކުންފުނިތަކުން ވަނީ ބުނެފައެވެ.

ކޯވިޑުގެ ބަލިމަޑުކަމާއިހެދި ޗައިނާ ފުރަބަންދުކުރުމުގެ ސަބަބުން އެޕަލްގެ ފައިދާ ވަނީ ގާތްގަނޑަކަށް %11 ދަށްވެ 19.4 ބިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ. އެމެޒޯނަށް އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ރިވިއަން އޮޓޯމޯޓިވް އަށް ކުރި އިންވެސްޓްމަންޓުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން އެމެޒޯނަށް ވަނީ 2 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައެވެ.

ޖުމްލަކޮށް ބަލާއިރު، އެޕަލްގެ އުފެއްދުންތަކާއި ޚިދުމަތްތަކުގެ ވިޔަފާރި އޭޕްރީލް މަހާއި ޖޫން މަހާއި ދެމެދު ވަނީ %2އަށް އިތުރުވެ، 83 ބިލިއަން ޑޮލަރަށް އަރާފައެވެ. އައިފޯނު ވިއްކުމުން ކުންފުންޏަށް ލިބުނު ފައިދާތަކަށް ބާރު ލިބެމުން ދިޔައީ، ސަޕްލައިގެ ދަތިކަމުގެ ސަބަބުން އެހެން އުފެއްދުންތައް ވިއްކުން ހުއްޓުމަކަށް އައުމުންނެވެ.

އެޕަލް ޕޭ އާއި ސްޓްރީމިންގް މިއުޒިކާއި ޓީވީގެ ޚިދުމަތްތައްވެސް ދޭ އެޕަލް ކުންފުނީގެ ޚިދުމަތްތަކުގެ ވިޔަފާރި ވެސް ވަނީ %12އަށް ކުރިއަރާފައެވެ. މީގެ އިތުރުން އެމެޒޯނުން ބުނީ ފާއިތުވި މަސްތަކުގައި އީ-ކޮމާސް ވިޔަފާރިއަށް ގެއްލުން ލިބުނު ނަމަވެސް އާމްދަނީ %7 އަށް އިތުރުވެ 121.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާކަމަށް އެޕަލް އިން ބުނެއެވެ.

ތެލާއި ހަކަތަ އަދި ދަތުރުފަތުރުގެ އަގުތައް އުފުލި، އިންފްލޭޝަން މަތިވި ނަމަވެސް މިދިޔަ ކުއާޓަރުގައި ކުންފުނިން ވަނީ ރަގަޅު ކުރިއެރުންތަކެއް ހޯދާފައިވާކަމަށް އެމެޒޯންގެ ޗީފް އެގްޒެކެޓިވް އެންޑީ ޖޭސީ ވިދާޅުވިއެވެ.