ޚަބަރު

އޮފިސަރުންގެ އަޚްލާޤާއި ސުލޫކީ މިންގަނޑަކީ އެންމެއިސްކަން ދޭންޖެހޭނެ ކަންކަން - ޝަމާލް


އޮފިސަރުންގެ އަޚްލާޤާއި ސުލޫކީ މިންގަނޑަކީ އެންމެ އިސްކަން ދޭންޖެހޭނެ ކަންކަންކަމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މިހެން ވިދާޅުވީ ޗެންނާއީގައި ހުންނަ އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގެ ޕާސިންގ އައުޓް ޕެރޭޑްގެ ރިވިއުވިންގ އޮފިސަރެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގެ ޕަރަމެސްވަރަން ޑްރިލް ސްކެއަރގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ އެކެޑެމީން އަލަށް އޮފިސަރުންގެ ގޮތުގައި ދަސްވެނިވާ ކެޑޭޓުންނާ މުޚާޠަބުކުރައްވައި ޝަމާލް ވަނީ މުސްތަޤުބަލަށް މިއަދު ބިނާކުރެވޭ އާ ޖީލުގެ އޮފިސަރުންނަށް މުޅިން ތަފާތު ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ ކަންކަމަށް ހޭލުންތެރިވެ ތިބުމަށް އޮފިސަރުންނަށް ޝަމާލްއިލްތިމާސްކުރެއްވިއެވެ. ޝަމާލް ވިދާޅުވީ އޮފިސަރުންގެ އަޚްލާޤާއި ސުލޫކީ މިންގަނޑަކީ އެންމެ އިސްކަން ދޭންޖެހޭނެ ކަންކަންކަމުގައިކަމަށެވެ.

މި ރަސްމިއްޔާތުގައި ދިވެހި އަސްކަރިއްޔާއަށް ނިސްބަތްވާ ދިވެހި ދެ އަންހެން ސިފައިން ވެސް ވަނީ އޮފިސަރ ޓްރެއިނިންގ ފުރިހަމަ ކުރައްވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެ ދެ ސިފައިންގެ ބޭކަނބަލުންނާއި އެ ކަނބަލުންގެ ޢާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައި، މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގައި މިހާރު ތަމްރީނު ހާސިލުކުރަމުންދާ ދިވެހި ކެޑޭޓުންނާ ވެސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ބައްދަލުކުރައްވާފައެވެ.