ދުނިޔޭގެ ވިޔަފާރި

ސްޕެއިންގެ އިންފްލޭޝަން ރެކޯޑު ޢަދަދަކަށް މައްޗަށް


ސްޕެއިންގެ އިންފްލޭޝަން ރޭޓު ރެކޯޑު އަދަދަކަށް މަތިވެއްޖެއެވެ. ސްޕެއިންގެ ޖުލައި މަހުގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި މިއީ 1984ވަނަ އަހަރުގެ ފަހުން އެ ޤައުމުގައި އިންފްލޭޝަން މިހާމަތިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ޔޫރޯ ޒޯންގެ އާ ރެކޯޑެކެވެ.

ސްޕެއިންގެ ނޭޝަނަލް ސްޓެޓިސްޓިކްސް އިންސްޓިޓިއުޓް (އައިއެންއީ) އިން އާންމޮކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވެދިޔަ 12 މަސްދުވަހު އެ ގައުމުގައި މުދަލާއި ޚިދުމަތުގެ އަގުތައް ވަނީ %10.8 އަށް އުފުލިފައެވެ. މި އަދަދު ހުސްވި ޖޫން މަހުގެ ނިޔަލަށް ހުރީ %10.2 ގައެވެ.

ޔޫރަޕްގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ސްޕެއިނަށްވެސް ވަނީ އަސަރުކޮށްފައެވެ. މީގެއިތުރުން ކޯވިޑުގެ ބަލިމަޑުކަމާއިހެދި ސްޕެއިން ފުރަބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުން ވެސް އިންފްލޭޝަން ރޭޓު ވަނީ މަތިވެފައެވެ.

އިންފްލޭޝަނަކީ "ސްޕެއިންގެ އިޤްޠިޞާދަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުން" ކަމަށް އެ ގައުމުގެ އިޤްޠިޞާދާއިބެހޭ ވަޒީރު ނާޑިއާ ކަލްވީނޯ ވަނީ ވިދާޅުވެފައެވެ. އަދި އިންފްލޭޝަން މި މަހު މަތިވެފައި މިވަނީ މައިގަނޑު ގޮތެއްގައި ކާބޯތަކެއްޗާއި ރާ ނޫން ބުއިންތަކުގެ އަގުތަކާއި ކަރަންޓުގެ އަގު ބޮޑުވުމުން ކަމަށް އައިއެންއީ އިން ބުނެއެވެ.

މި އަހަރުގެ ފަހު ހަ މަސްދުވަހު އިންފްލޭޝަން ރޭޓު ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށް ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ ސަރުކާރުން ވަނީ ބުނެފަ

އެވެ. އަދި އުފުލެމުންދާ އަގުތަކާއިއެކު އާއްމުންނާއި ވިޔަފާރިތަކަށް އެހީތެރިވުމުގެގޮތުން ސްޕެއިންގެ ސަރުކާރުން ވަނީ ތެލުގެ ސަބްސިޑީ ތައާރަފުކޮށް، ކަރަންޓުން ނަގާ ޓެކްސްވެސް ދަށްކޮށްފަ އެވެ. މި ފިޔަވަޅުތަކަށް ހޭދަވި ޖުމުލަ ޚަރަދު 31 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ.

ޔޫރަޕް އިއްތިހާދުގެ ތަފާސްހިސާބު އޭޖެންސީން ޝާއިއުކުރި ހިސާބުތަކުން ދައްކާ ގޮތުގައި ޔޫރޯޒޯންގެ 19 ޤައުމެއްގެ އަހަރީ އިންފްލޭޝަން ޖުލައި މަހު ވަނީ %8.9 އަށް އަރާފައެވެ. މި އަދަދު މިދިޔަ މަހު ހުރީ %8.6 ގައެވެ. މިއީ 1997 ވަނަ އަހަރު ޔޫރޯ ފައިސާ ތައާރަފުކުރި ފަހުން ޔޫރޯޒޯންގައި އިންފްލޭޝަން ރޭޓު އެންމެ މައްޗަށް އަރާފައިވާ ފަހަރެވެ.

އީޔޫ ޤައުމުތަކުގެ ހަކަތައިގެ އަގު %39.7 އަށް އުފުލިފައިވާއިރު، ކާބޯތަކެތީގެ އަގު ވަނީ %4.5 އަށް އުފުލިފައެވެ.