މިއަދުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށާއި، ވައިބާރުވެ ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އަންގާ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ. އަދި އިތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓްވެސް ނެރެފައިވެއެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން އަންނަނީ އިއްޔެ މެންދުރު ކުރި 11:30 ގައި މުޅި ރާއްޖެއަށް ނެރުނު ވައިޓް އެލާޓް ދަމަހައްޓަމުންނެވެ. އެގޮތުން މިހާތަނަށް 4 ފަހަރެއްގެ މަތިން މި އެލާޓް ދަމަހައްޓާފައިވެއެވެ.
މެޓް އޮފީހުން އެންމެފަހުން މި އެލާޓްގެ މުއްދަތު އިތުރުކޮށްފައިވަނީ މިއަދު މެންދުރު 11:30 އިން ހަވީރު 17:30 އާއި ހަމައަށެވެ. މި ގަޑިތަކުގައި ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
Alert White is extended to over the country. pic.twitter.com/fCG68enRfo
— Maldives Meteorology (@MetMaldives) July 31, 2022
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ.
މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށެވެ. އެލާޓް ނެރެފައިވާ ގަޑިތަކުގައި އެ ސަރަޙައްދުގެ ރަށްތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ކަނޑުތައްވެސް ވަރަށް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
Alert Yellow for strong winds and very rough seas. pic.twitter.com/dK8fUkjNOB
— Maldives Meteorology (@MetMaldives) July 31, 2022
ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑުބަޔަކަށ ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް އެ އޮފީހުން ލަފާކޮށްފައިވެއެވެ.
މި ވިއްސާރައިގައި ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާއެކު ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
މެޓް އޮފީހުގެ ރެކޯޑްތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ރ. އަލިފުއްޓަށެވެ. އެގޮތުން އެރަށަށް 156.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެވަނަ އަށް އެންމެ ބޮޑަށް ވިއްސާކޮށްފައިވާކަމަށް ދައްކަނީ ލ. ކައްދޫއަށެވެ. އެރަށަށް 120.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވާރޭ ރެކޯޑު ކުރެވިފައިވާ ރަށްތަކަށް ބަލާއިރު، އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަޙައްދަށެވެ. އެގޮތުން ރ. އަލިފުށީގައި ޤާއިމް ކުރެވިފައިވާ އޮޓަމެޓިކް ވެދަރ ސްޓޭޝަނުން 157މިލިމީޓަރުގެ ވާރޭ ރިކޯޑު ކުރެވިފައިވެއެވެ. pic.twitter.com/UaXDXSEYs3
— Maldives Meteorology (@MetMaldives) July 31, 2022
މި ދުވަސްވަރަކީ މޫސުން ގޯސް އަދި ކަނޑުތައްވެސް ގަދަ ދުވަސްވަރަކަށް ވުމާއެކު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
ވަކިން ޚާއްސަކޮށް މި ދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރަށްވުމުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމާއި، ރަށްރަށަށް ދަތުރުދިއުން ފަދަ ކަންކަން އިތުރުވާނެތީ، ދަތުރަށް ފެށުމުގެ ކުރިން ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން މުހިއްމުކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން، އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު، އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯއާއި، އެތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަޤީންކުރުމަށް ފުލުހުން އިލްތިމާސްކުރައްވާފައިވެއެވެ. އަދި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށްވެސް އިލްތިމާސްކުރައްވާފައިވެއެވެ.
ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އުޅަނދުތައް ބަލައި ފާސްކުރުމާއި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ފުލުހުން ސިލްސިލާކޮށް ކުރިއަށް ގެންދެއެވެ. އެހެންނަމަވެސް ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އުޅަނދު ދުއްވާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަން ފުލުހުން ފާހަގަކުރައްވައެވެ.