ޚަބަރު

ބޭރުގެ މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއަށް އެބައޮތް : މިނިސްޓަރ އަމީރު


ރާއްޖޭގެ އިޤްތިޞާދީ އަދި ފިސްކަލް މިންގަނޑުތައް ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށް ބޭރުގެ މާލީ އިދާރާތަކުގެ އިތުބާރު އެބައޮތްކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދީ އަދި ފިސްކަލް މިންގަނޑުތައް ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވިކަން އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ފިޔަވަޅުތަކަށް އައި.އެމް.އެފް އަދި ވޯލްޑް ބޭންކް އިން މަރުހަބާ ކިޔުމާގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދީ އަދި ފިސްކަލް މިންގަނޑުތައް ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވިކަން އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ފިޔަވަޅުތަކަށް އައި.އެމް.އެފް އަދި ވޯލްޑް ބޭންކް އިން މަރުހަބާ ކިޔުމަކީ ރާއްޖޭގެ އިޤްތިސާދު ކުރިއަރުވައި މެނޭޖްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއްކަމަށެވެ. އަދި މިއީ ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި އަޅަން ގަސްތުކުރާ ފިޔަވަޅުތަކަށް ލިބުނު އިތުބާރެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

2023-2025 ފިސްކަލް ސްޓްރެޓެޖީގައި ރާއްޖޭގެ އިޤްތިސާދީ އަދި ފިސްކަލް ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އާމްދަނީ އިތުރުކުރުމަށާއި، ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެކަށައަޅާފައިވެއެވެ. މި ފިޔަވަޅުތަކާ ގުޅޭ މަޢުލޫމާތު ރާއްޖެއާއެކު މަސައްކަތްކުރާ މާލީ އިދާރާތަކާ ހިއްސާކޮށްފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، އައި.އެމް.އެފް އަދި ވޯލްޑް ބޭންކް އިންވެސް ފާހަގަކޮށްފައިވާ ފަދައިން އާމްދަނީ އިތުރުކުރުމަށް 2023 ވަނަ އަހަރު ޖީ.އެސް.ޓީ އަދި ޓީ.ޖީ.އެސް.ޓީ ބޮޑުކުރުމާއި، ޚަރަދުތައް ދެމެހެއްޓިނިވި މިންގަނޑެއްގައި ބެހެއްޓުމަށް ސަބްސިޑީތައް ދެވޭގޮތް މުރާޖަޢާކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އިޤްތިސާދީ މިންގަނޑުތައް ރަނގަޅުކުރުމަށް މުހިއްމު ފިޔަވަޅުތަކެއްކަމަށެވެ. އަދި ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު އަދި ފިސްކަލް ކަންކަން މެނޭޖްކުރަމުން ދަނީ ދުނިޔޭގެ މާލީ އިދާރާތަކުގެ މަޝްވަރާއާ ލަފާގެ މަތިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ކޯވިޑް-19 އާއެކު ދިމާވި އިޤްތިޞާދީ ކާރިސާ މެނޭޖްކުރުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކާމެދު އެ ފަރާތްތަކުގެ ރުހުމާއި ތާއީދު ރާއްޖެއަށް ލިބިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މުސްތަޤްބަލުގައިވެސް، ރާއްޖެއިން އިޤްތިޞާދީ އަދި ފިސްކަލް ކަންކަމުގައި ފިޔަވަޅު އަޅަމުންދާނީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި، ރައްޔިތުންގެ ފާގަތިކަމާއި، މާލީ ދެމެހެއްޓެނިވިކަން އިސްކޮށްގެން، ރާއްޖެއާއެކު މަސައްކަތްކުރާ މާލީ އިދާރާތަކުގެ ލަފާއާއެކުގައި ކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރު ޖީ.އެސް.ޓީ އަދި ޓީ.ޖީ.އެސް.ޓީ ބޮޑުކުރުމަށާއި، ސަބްސިޑީސް ރީފޯމްކުރުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ ސަރުކާރުގެ މާލީ ސިޔާސަތު ހަރުދަނާކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކުންވެސް ވަނީ އެކަމަށް މަރުޚަބާ ކިޔާފައެވެ.

އައި.އެމް.އެފްއާއި ވޯލްޑް ބޭންކުންވެސް ފާހަގަކޮށްފައިވާގޮތުގައި ކޯވިޑް-19އަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ރަނގަޅުވެ، ޤައުމުގެ އިޤްތިޞާދު ކުރިއަރަމުންދާކަން ފާހަގަކޮށްފައިވެއެވެ. އަދި އިޤްތިޞާދު ރަނގަޅުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ދައުލަތުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކާއި، ރައްޔިތުންނާ ހަމައަށް ވެކްސިން ފޯރުކޮށްދިނުން އަވަސްކުރުންކަން ފާހަގަކޮށްފައިވެއެވެ.

ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިއާ ފަތުރުވެރިން ރާއްޖެ އައުން މަދުވި ނަމަވެސް ޔޫރަޕުގެ އެހެން ޤައުމުތަކުގެ ފަތުރުވެރިން އައުން އިތުރުވުމާގުޅިގެން ދަށްވި ބައި ފޫބެއްދިފައިވާކަމަށް އައި.އެމް.އެފުން ބުނެފައިވެއެވެ. އަދި މިއާއެކު ރާއްޖޭގެ އިޤްތިޞާދު މިއަހަރު %8.7 ކުރިއަރާނެކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ވަނީ ލަފާކޮށްފައެވެ.