ރަޝިއާގެ އިޤްޠިޞާދީ ދުވެލި އަހަރުގެ 3 ވަނަ ކުއާޓަރުގައި މަޑުވާނެކަމަށް އެ ޤައުމުގެ މަރުކަޒީ ބޭންކުން ލަފާކޮށްފިއެވެ.
ރަޝިއާ ފައިސާ ކަމަށްވާ ރޫބަލްގެ އަގު އުފުލުމަށް މެދުވެރި މުހިންމު އެއް ކަންތައް ކަމަށްވާ ކަރަންޓު އެކައުންޓު ސާޕްލަސް މިއަހަރުގެ ފަހު 6 މަސް ދުވަހު ކުޑަ ވާނެކަމަށްވެސް މަރުކަޒީ ބޭންކުން ވަނީ ލަފާކޮށްފައެވެ.
އެކްސްޕޯޓަށް ބަރޯސާވެފައިވާ ރަޝިޔާގެ އިޤްތިޞާދު ރިސެޝަނަށް ވެއްޓިފައިވަނީ މިދިޔަ ފެބްރުއަރީމަހު ފެށި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުންނެވެ. ހަނގުރާމައިގެ ސަބަބުން ރަޝިއާއާއި ދެކޮޅަށް ހުޅަނގުގެ ޤައުމުތަކުން ވަނީ މާލީ އަދި އިޤްތިޞާދީ ގޮތުން ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.
ރަޝިއާގެ ޖީޑީޕީ އަހަރުގެ 3 ވަނަ ކުއާޓަރުގައި %7 އަށް ދަށްވާނެކަމަށް މަރުކަޒީ ބޭންކުން ވަނީ ލަފާކޮށްފައެވެ. މީގެކުރިން 2 ވަނަ ކުއާޓަރުގައި އެ ޤައުމުގެ ޖީޑީޕީ ހުރީ %4.3 ގައެވެ. މި އަހަރުގެ ފަހު 6 މަސް ދުވަހު ރަޝިއާގެ އިޤްތިޞާދީ ދުވެލި މަޑުވި ނަމަވެސް 2023 ވަނަ އަހަރުގެ 2 ވަނަ ކުއާޓަރުގައި އިޤްތިޞާދު ރަނގަޅުވާން ފަށާނެ ކަމަށްވެސް ބޭންކުން ލަފާކުރެއެވެ.
މިއަހަރުގެ ފަހު 6 މަސް ދުވަހު އިޤްތިޞާދީ ދުވެލި މަޑުޖެހޭނެކަމަށް މަރުކަޒީ ބޭންކުން ލަފާކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހު ލަފާކޮށްފައިވާ މިންވަރަށްވުރެ ދަށްކޮށްކަމަށް މަރުކަޒީ ބޭންކުގެ ބަޔާނެއްގައިވެއެވެ.
2024 ވަނަ އަހަރު ރަޝިއާގެ އިޤްތިޞާދީ ދުވެލި %1.5 އާއި %2.5 އާއި ދެމެދެގެ އަދަދަކަށް ހަލުއި ވުމުގެ ކުރިން ރަޝިއާގެ މިއަހަރުގެ އިޤްތިޞާދީ ދުވެލި %4 އާއި %6 ދެމެދުގެ އަދަދަކަށް މަޑުޖެހޭނޭކަމަށާއި އަންނަ އަހަރުގެ އިޤްތިޞާދީ ދުވެލި %1 އާއި %4 އާއި ދެމެދުގެ އަދަދަކަށް މަޑުޖެހޭނެކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން އަދި ހާމަކޮށްފައި ނުވާ އަދި ރައީސް ވްލަޑިމިއާ ޕޫޓިން ފާސްކޮށްފައިވާ އައު ބަޖެޓް އުސޫލުން ކެޕިޓަލް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން މިއަހަރު ދުނިޔޭގެ އެންމެ ރަނގަޅު ފައިސާއަށް ވެފައިވާ ރަޝިއާގެ ރޫބަލްގެ އަގު ދަށްވާނެކަމަށް ބެލެވޭކަމަށް ރިޕޯޓުތައް ބުނެއެވެ.