އިޓާލިއަން ލީގުގެ ޔުވެންޓަސްއަށް ކުޅެމުންދިޔަ ވޭލްސްގެ އާރޮން ރަމްސީ ފްރެންޗް ލީގުގެ ނީސްއަށް ސޮއިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ރަމްސީ ނީސްއަށް ގޮސްފައިވަނީ ފްރީ ޓްރާންސްފަރއެއްގެ ދަށުންނެވެ.
ރަމްސީ ޔުވެންޓަސް އާއި އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ ދެފަރާތުން ބޭނުންވެގެންވަނީ އެއްބަސްވުން މިދިޔަ މަހު އުވާލާފައެވެ. އޭނާ ގެންދިއުމަށް ނޮޓިންގހަމް ފޮރެސްޓާއި ކާޑިފް ސިޓީއިންވެސް މަސައްކަތް ކޮށްފައިވެއެވެ. ރަމްސީއަކީ ނީސްއަށް މިފަހަރު ސޮއިކުރި ވޭލްސްގެ ދެވަނަ ކުޅުންތެރިޔާއެވެ. ވަރަށް ފަހުން ޖޯ ރޮޑޮންވެސްވަނީ ލޯން އެއްބަސްވުމެއްގެދަށުން ނީސްއަށް ބަދަލުވެފައެވެ.
ރަމްސީ ޔުވެންޓަސްއަށް ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރު އިންގްލިޝް ޕްރިމިއަރ ލީގުގެ ކްލަބް އާސެނަލްއިންނެވެ. އަދި ފުރަތަމަ ދެއަހަރު ޔުވެންޓަސް އާއެކު ސެރީއާ އާއި ކޮޕާ އިޓާލިއާ ކާމިޔާބު ކުރި ނަމަވެސް ގަވައިދުން ފުރަތަމަ އެގާރައިން ޖާގަހޯދުމުގައި އޭނާއަށް މާބޮޑު ކުރިއެރުން ތަކެއް ލިބިފައެއް ނުވެއެވެ. އަދި އޭނާއަށް ފަހަކަށް އައިސް ދިމާވަމުންދާ އަނިޔާގެ ގިނަ މައްސަލަ ތަކާހުރެ މިމުއްދަތުގެ ތެރޭގައި ޔުވެންޓަސްއަށް ކުޅެވިފައިވަނީ 70 މެޗެވެ. މިދިޔަ ސީޒަންގައި އޭނާ ޔުވެންޓަސްއަށް ކުޅެފައިވަނީ ފަސް މެޗެވެ. އަދި ސީޒަންގެ ފަހުބައި އޭނާ ހޭދަކުރީ ލޯން އެއްބަސްވުމެއްގެދަށުން ސްކޮޓްލަންޑްގެ ރޭންޖަރސްގައެވެ.