ބައިނަލްއަގުވާމީ މުބާރާތް ބޭއްވޭ ފެންވަރަށް ޓެނިސް ކޯޓު ތަރައްގީވެގެންދިޔައީ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) ގެ ކުރީގެ ރައީސް އަޙްމަދު ނަޒީރު ކުރެއްވި އަގު ނުކުރެވޭ މަސައްކަތުގެ ނަތީޖާއިން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
ޓެނިސް ކޯޓު ތަރައްގީކޮށް އައު ކޯޓު ހުޅުވުމަށާއި، ބިލީ ޖީން ކިންގްސް ކަޕާއި، ޑޭވީސް ކަޕުގައި ވާދަކުރާ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމަށް އަންގާރަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި ފެންވަރުގެ ކޯޓުތަކެއް ރާއްޖޭގައި އެޅިގެން މިދިޔައީ ޓެނިސް އެސޯސިއޭޝަނުގެ އިތުރުން ނަޒީރު ކުރެއްވި ބުރަ މަސައްކަތުން ކަމަށެވެ.
ވަޒީރު ވިދާޅުވީ ޓެނިސް އައު ކޯޓުތަކެއް ހުޅުމާލޭގައި އެޅިގެންދާނެ ކަމަށާއި، އެ ކޯޓުތައް އެޅުމަށް ހަމަޖައްސަން ޖެހޭ ބިމުގެ ކަންކަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޓެނިސް ކުރިއެރުވުމަށް ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ވަޒީރު ވަނީ ބިލީ ޖީން ކިންގްސް ކަޕުގައި ވާދަކުރާ ކުޅުންތެރިންނާއި، ޑޭވީސް ކަޕުގައި ވާދަކުރާ ކުޅުންތެރިން، އިދިކޮޅުން ކުޅޭ ކުޅުންތެރިން ކިތަންމެ މޮޅުކަމުގައިވީ ނަމަވެސް، އެ ކުޅުންތެރިންނަށް ދޫނުކޮށް ކުޅުމަށް ނަސޭހަތްތެރިވެފައެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޓެނިސް ޗެލެންޖު 2022 ގެ ލޯގޯ އިފުތިތާހުކޮށްދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ޓެނިސް އެސޯސިއޭޝަނުގެ ފަރާތުން ވަނީ އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް، ނަޒީރު ޓެނިހަށް ކޮށްދެއްވި ކަންކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް އަރުވާފައެވެ.