ކުޅިވަރު

ފަހު މިނެޓުގައި ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް


މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ފަހު ވަގުތު ރާއްޖެ ބަލިކޮށް ފައިނަލުގެ ޖާގައެއް އިންޑިއާއިން ހޯދައިފިއެވެ.

އިންޑިއާގެ ބުބަނޭޝްވަރުގައި ކުރިއަށްދާ މި މުބާރާތުގައި އަންގާރަ ދުވަހު ކުޅުނު މެޗުން ރާއްޖެ ބަލިވީ އިންޑިއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ކަލިންގާ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ރާއްޖޭން ވަރުގަދަ އިންޑިއާއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި އިންޑިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗު 90 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ގުރްކީރަތު ސިންގެވެ. މިއީ އޭނާ މުބާރާތުގައި ކާމިޔާބު ކުރި ހަތަރުވަނަ ލަނޑެވެ.

މި މޮޅާއެކު އިންޑިއާ ފައިނަލަށް ދަތުރުކުރީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައި، ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ފައިނަލުގައި އިންޑިއާ ނުކުންނާނީ މެޗަކުން ބަލިނުވެ، 10 ޕޮއިންޓާ އެކު އެއްވަނަ ހޯދި ބަންގްލަދޭޝްއާ ދެކޮޅަށެވެ. ލީގު ބުރުގައި ބަންގްލަދޭޝްއިން ވަނީ 2-1 ގެ ނަތީޖާއަކުން އިންޑިއާ ބަލިކޮށްފައެވެ.

މި ފަހަރުގެ މުބާރާތުގެ ލީގު ބުރުގެ ތިންވަނަ ހޯދީ އަންގާރަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ 1-1 ގެ ނަތީޖާއަކުން އެއްވަރުކުރި ނޭޕާލެވެ. ނޭޕާލަށް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި ނިންމާލި ރާއްޖެ އާއި ފުލުގައި އޮތް ސްރީ ލަންކާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ފަސް ގައުމު ވާދަކުރާ މި ފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި މޮޅެއް ނުލިބި ރާއްޖޭން މުބާރާތް ނިންމާލިއިރު، މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ނޭޕާލް އަތުން 4-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ވަނީ 4-1 ގެ ނަތީޖާއަކުން ބަލިވިއިރު، ތިންވަނަ މެޗުގައި ވަނީ ލަންކާއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މި މުބާރާތުގައި ޒުވާން ގައުމީ ޓީމަށް އިރުޝާދުދީފައިވަނީ ގައުމީ ސީނިއާ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އަޙްމަދު ޝާކިރު (ޝާކިއްޓެ) އެވެ. ޝާކިއްޓެއާ އެކު ކޯޗިން ޓީމުގައި ހިމެނުނީ ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުޙައްމަދާއި އިބްރާހީމް ސައީދު (ކަކާ) އަދި އަޙްމަދު ފައްރާހު (ފައްރަ) އެވެ. ޓީމުގެ މެނޭޖަރަކީ މުޙައްމަދު އަބީރެވެ.