ރާއްޖޭގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ފިރިހެން އޯޕަން ބައިގެ ގަދަ އަށަކުން ޖާގަ ހޯދައި، ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ތާރީޚީ ކާމިޔާބެއް ހޯދައިފިއެވެ.
މި ކާމިޔާބީއާއެކު ކުޑަ އައްޔަ ވެފައިވަނީ މއިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގެ ވޯލްޑް ޓުއާ މުބާރާތެއްގެ ގަދަ އަށަކުން ޖާގަ ހޯދި ފުރަތަމަ ރާއްޖޭގެ ބޮޑީބޯޑަރަށެވެ.
މާލޭ ވަރުނުލާ ރާޅުގަނޑުގައި ބުދަ ދުވަހު ކުރިއަށްދިޔަ ފިރިހެން އޯޕަން ބައިގެ ހަތަރުވަނަ ބުރުގެ ހީޓުގައި ކުޑަ އައްޔަ ވަނީ ދުނިޔޭގެ ރޭންކިންގެ ކުރީގައި އުޅޭ ފްރާންސްގެ ޔަން ސަލައުން ބަލިކޮށްފައެވެ. ކުޑަ އައްޔަ މި ހީޓު ކާމިޔާބުކުރީ ޖުމްލަ 12.15 ގެ ސްކޯއަކާއެކުއެވެ. ޔަންއަށް ޖުމްލަ ސްކޯގެ ގޮތުގައި ލިބުނީ 11.15 އެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޑަ އައްޔައާ ދެކޮޅަށް ނުކުންނާނީ ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އުޅޭ ޓަނާ މެކްޑެނިއެލްއެވެ.
މި ފަހަރުގެ މުބާރާތުގެ ތިންވަނަ ބުރުގެ ހީޓުގައި ވާދަކޮށް ކުޑަ އައްޔަ ވަނީ ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އުޅޭ ޓަނާ މެކް ޑެނިއެލްވެސް ބަލިކޮށްފައެވެ. އަދި ތިންވަނަ ބުރުގައި ކުޑަ އައްޔަ ވަނީ މި މުބާރާތުގައި މިހާތަނަށް ހޯދި އެންމެ ގިނަ ޕޮއިންޓުވެސް ސްކޯކޮށްފައެވެ. އެއީ 15.55 އެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ބޮޑީބޯޑަރުން ދަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން ރާއްޖޭގެ އާމިން މޫސާ ވަނީ ޖޫނިއާ ބައިގެ ފައިނަލަށް ދަތުރުކޮށްފިއެވެ.