ރާއްޖޭގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ޑްރޮޕް-ނީ ބައިގެ ސެމީ ފައިނަލުން ޖާގަ ހޯދައި، ބޮޑީބޯޑިންގެ ވޯލްޑް ޓުއާ އިވެންޓެއްގެ ގަދަ ހަތަރެއްގައި ހިމެނުނު ފުރަތަމަ ދިވެހިި އެތުލީޓުގެ ޝަރަފު ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ހޯދައިފިއެވެ.
މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ މި މުބާރާތުގެ ޑްރޮޕް-ނީ ބައިގެ ސެމީން ކުޑަ އައްޔަ ޖާގަ ހޯދީ ބުދަ ދުވަހު ކުރިއަށްދިޔަ ކުއާޓާ ފައިނަލުގައި ޗިލީގެ ޔާކޯ ވަސްކޭޒް ބަލިކުރުމަށްފަހުއެވެ. ކުއާޓާގެ ހީޓު ކުޑަ އައްޔަ ކާމިިޔާބުކުރީ 7.75 ގެ ސްކޯ އަކުންނެވެ. ޔާރްކޯއަށް ލިބުނީ 5.40 ގެ ސްކޯ އެކެވެ.
މި ކާމިޔާބީއާއެކު ކުޑަ އައްޔަ ވެފައިވަނީ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގެ ވޯލްޑް ޓުއާ މުބާރާތުގެ އިވެންޓެއްގެ ޕޯޑިއަމާ ހަމައަށްދިޔަ ފުރަތަމަ އެތުލީޓަށެވެ.
މި ފަހަރުގެ މުބާރާތުގެ ޑްރޮޕް-ނީ ބައިގެ ސެމީން ކުޑަ އައްޔަ ޖާގަ ހޯދިއިރު، ބުދަ ދުވަހު އޭނާ ވަނީ މުބާރާތުގެ އޯޕަން ބައިގައި ކުއާޓާ ފައިނަލުންވެސް ޖާގަ ހޯދާފައެވެ. މި ތާރީޚީ ކާމިޔާބީއާއެކު ކުޑަ އައްޔަ ވެފައިވަނީ އައިބީސީގެ ވޯލްޑް ޓުއާ މުބާރާތެއްގެ ގަދަ އަށަކުން ޖާގަ ހޯދި ފުރަތަމަ ރާއްޖޭގެ ބޮޑީބޯޑަރަށެވެ.