ދުނިޔޭގެ ވިޔަފާރި

ސުޒުކީ މޮޓޯސްގެ ޑިމާންޑް ބޮޑު ކަމަށް އެ ކުންފުނިން ބުނެފި


ދުނިޔޭގެ އިޤްތިޞާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައިވެސް ޑިމާންޑު ބޮޑު ކަމަށް ޖަޕާނުގެ ސުޒުކީ މޮޓޯސް އިން ބުނެފިއެވެ.

ސުޒުކީގެ ސީނިއަރ މެނޭޖިން އެގްޒެކެޓިވް އޮފިސަރު މަސާހިކޯ ނާގާއޯ ވިދާޅުވިގޮތުގައި ދުނިޔޭގެ އިންފްލޭޝަން އިތުރުވެ އިންޓްރެސްޓް ރޭޓު މަތިވި ނަމަވެސް އެ ކުންފުނީގެ އުފެއްދުންތަކަށް ޑިމާންޑު އިތުރުވާކަމަށެވެ.

ޖޫން މަސް ނިމުނުއިރު ސުޒުކީގެ އޯޑަރު ބެކްލޮގްގެ ގޮތުގައި ގާތްގަނޑަކަށް 200،000 ވެހިކަލް އެބައޮތް ކަމަށް ނާގާއޯ ވިދާޅުވި އެވެ. ދުނިޔޭގެ އިޤްތިޞާދީ ހާލަތާއިމެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ކުންފުންޏަށް އަންނަނީ އޯޑަރުތައް ލިބެމުންކަމަށާއި ޑިމާންޑަށް އެއްވެސް އަސަރެއް ނުކުރާކަމަށްވެސް ނާގާއޯ ވިދާޅުވިއެވެ.

އޭޕްރީލް-ޖޫން ކުއާޓަރަށް ބަލާއިރު ސުޒުކީގެ އިންޑިއާގެ ވިޔަފާރި ވަނީ %27.5 ށް އިތުރުވެ 380000 ވެހިކަލަށް އަރާފައެވެ. ނަމަވެސް ޗިޕްސް ލިބުން ދަތިވުމުގެ ސަބަބުން ޖަޕާނުގައި ވެހިކަލް ވިއްކުން ވަނީ %6.4 ށް ދަށްވެފައެވެ.

ސެމީކޮންޑަކްޓަރުގެ ދަތިކަން މަޑުމަޑުން ރަނގަޅުވަމުން ދިޔަ ނަމަވެސް، އެކަން ހައްލުވާނީ ކޮން އިރަކު ކަމެއް ސުޒުކީއަށް ލަފާ ނުކުރެވޭ ކަމަށް ނާގާއޯ ވިދާޅުވިއެވެ. އެކަމުގެ އަސަރު ކުޑަކުރުމަށްޓަކައި އިންޑިއާގައި އެހާ ގިނަ ޗިޕް ބޭނުން ނުވާ ކާރުތައް އުފައްދައި އެފްރިކާގެ އިތުރުން މެދުތެރޭ އަދި ދެކުނު އެމެރިކާގެ މާކެޓްތަކަށް ވިއްކަން ކުންފުނިން ވަނީ ފަށާފައެވެ.

ސުޒުކީން ވަނީ އެމީހުންގެ އޮޕަރޭޓިންގް ފައިދާ 1.46 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ލަފާކޮށްފައެވެ.

ކޯވިޑުގެ ބަލިމަޑުކަމާއި ރަޝިއާ ޔުކްރޭން ހަނގުރާމައިގެ ސަބަބުން ސަޕްލައި ފޯރުކޮށްދިނުމަށް ބުރޫއަރާފައިވާ މި ދުވަސްވަރު ތަކެތީގެ އަގު ވަނީ އުފުލިފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު މަރުކަޒީ ބޭންކުތަކުން ވަނީ ހަރުކަށި މާލީ އުސޫލުތައް އެކުލަވާލާފައެވެ.

އެމެރިކާގެ ކާރު ގަންނަ ފަރާތްތަކުގެ ޑިމާންޑު އިތުރުވަމުންދާނެ ކަމަށް ވާދަވެރި ސުބާރޫ ކޯޕަރޭޝަނުން ލަފާކުރާކަމަށެވެ. އަދި ޓޮޔޯޓާ މޮޓޯ ކޯޕަރޭޝަނުން ވަނީ މުޅި އަހަރު ދުވަހު 9.7 މިލިއަން ކާރު އުފައްދަން އަމާޒު ހިފާފައެވެ.