ކާބޯތަކެތީގެ އަގު އަނެއްކާވެސް ދަށްވެއްޖެ ކަމަށް އދ އިން ބުނެފިއެވެ.
އދ.ގެ ކާބޯތަކެއްޗާއިބެހޭ އިދާރާއިން ބުނިގޮތުގައި ޖުލައި މަހު ކާބޯތަކެތީގެ އަގު ދަށްވެފައިމިވަނީ މާޗް މަހު އަގުތައް ވަރަށް ބޮޑަށް އުފުލުމަށްފަހު ކަމަށެވެ.
ދުނިޔޭގެ ފެންވަރުގައި އެންމެ ގިނައިން ވިޔަފާރިކުރާ ކާބޯތަކެތީގެ މުދާ ޓްރެކްކުރާ ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ)ގެ ކާބޯތަކެތީގެ އަގު އިންޑެކްސްއަށް މިދިޔަ މަހު ވަނީ އެވްރެޖްކޮށް 140.9 ޕޮއިންޓް ލިބިފައެވެ. ޖޫން މަހު މި އަދަދު ރިވައިސްކުރިއިރު ލިބިފައިވަނީ 154.3 ޕޮއިންޓް އެވެ. ނަމަވެސް ރަޝިއާ ޔުކްރެއިން ހަނގުރާމައާއި، މޫސުން ގޯސްވުން އަދި ތަކެތި އުފެއްދުމާއި ދަތުރުފަތުރުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން ޖުލައި މަހުގެ އިންޑެކްސް މީގެ އެއް އަހަރު ކުރިއާއި އަޅާބަލާއިރު އަދިވެސް އޮތީ %13.1 މަތީގައެވެ.
ތަރުކާރީ ތެލާއި ހަކުރު، ކިރު، މަހާއި އަދި ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަގުގެ އިންޑެކްސްތައް ޖުލައި މަހު މަހުން މަހަށް ދަށަށް ގޮސްފައިވާއިރު، ހަނޑުލުގެ އަގު ވަނީ %14.5 ށް ވެއްޓިފައެވެ. އަގުވެއްޓުމަށް ދިމާވި މާއިގަނޑު ސަބަބަކީ ކަޅު ކަނޑު ހުރަސްކޮށް ގޮވާމުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ރަޝިއާ، ޔުކްރެއިން، ތުރުކީވިލާތް އަދި އެމެރިކާއިން އެއްބަސްވުމެވެ.
ޖުލައި މަހު ޒުވާރީގެ އަގުގެ އިންޑެކްސްވެސް %10.7 ވެއްޓިފައިވާއިރު، މިއީ މި އެއްބަސްވުމުގެ އިތުރުން ޒުވާރި އުފައްދާ މައިގަނޑު ޑެ ޤައުމު ކަމަށްވާ އާޖެންޓީނާ އާއި ބްރެޒިލް އިން އެދުވަސްވަރު ޒުވާރި ލިބުން އިތުރުވުމުން ޒުވާރީގެ އަގަށް އައި ބަދަލެއްކަމަށް އެފްއޭއޯ އިން ބުނެ އެވެ.
ކާބޯތަކެތީގެ އަގު ވަރަށް މައްޗަށް އުފުލުމަށްފަހު ދަށްވުމަކީ ރަނގަޅު ކަމެއް ނަމަވެސް ޔަގީންކަން ނެތް ގިނަ ކަންތައްތަކެއް އަދިވެސް އެބަހުރިކަން އެފްއޭއޯގެ ޗީފް އިކޮނޮމިސްޓް މެކްސިމޯ ޓޮރޭރޯ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ދުނިޔޭގެ އިގްތިސާދު ހީނަރުވުމާއި ފައިސާގެ އަގު އުފުލުމަކީ ކުރިއަށް އޮތްތަނުގައި ކާބޯތަކެތި އުފެއްދުމަށާއި ދަނޑުވެރިންގެ ދިރިއުޅުމަށް އަސަރު ފޯރާނެ ކަންކަމަށްވާއިރު، މީގެ ސަބަބުން ކާބޯތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެކަމަށްވެސް މެކްސިމޯ ވިދާޅުވިއެވެ.