ކުޅިވަރު

ފަސޭހަކަމާއެކު ކްލާމޮން ބަލިކޮށް ޕީއެސްޖީން ފެށުން ރަނގަޅުކޮށްފި


ފްރެންޗް ލީގުގައި ފަސޭހަކަމާއެކު ކްލާމޮން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން ފެށުން ރަނގަޅުކޮށްފިއެވެ.

ރަށުން ބޭރުގައި ކްލަރމޮން އާއި ބައްދަލުކުރިމެޗް ޕީއެސްޖީ ކާމިޔާބުކުރީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.

ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމްގެ ދެކުނު އެމެރިކާއަށް ނިސްބަތްވާ ދެތަރިން ކަމަށްވާ އާޖެންޓީނާގެ ލިއޮނެލް މެސީ އާއި ބްރެޒިލްގެ ނޭމާގެ ފަރާތުންވެސްވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

އެގޮތުން މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ޖަހާދިނީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނޭމާއެވެ. އަދި މިމެޗްގައި ނޭމާ ވަނީ އިތުރު ތިން ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މިމެޗްގައި ޕީއެސްޖީގެ ދެވަނަ ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި ނޭމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާދިނީ އަޝްރަފް ހަކީމީއެވެ. އެޓީމްގެ ތިންވަނަ ލަނޑު ފުރަތަމަ ހާފް ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ މާކީނިއޯސްއެވެ. އަދި ޕީއެސްޖީއިން މިމެޗްގައި ޖެހި ފަހު ދެލަނޑު މެޗްގެ 80 ވަނަ މިނެޓާއި 86 ވަނަ މިނެޓްގައި ޖަހާދިނީ މެސީއެވެ. އޭނާ މިމެޗްގައި ކާމިޔާބުކުރި ފަހު ލަނޑަކީ އޯވަރހެޑް ކިކަކުން ކާމިޔާބު ކުރި ލަނޑެކެވެ
.
މިއީ ޕީއެސްޖީގެ ކޯޗް ކަމާއި ކްރިސްޓޮޕަރ ގަލްޓިއަރ ހަވާލުވި ފަހުން ކުޅުނު ލީގުގެ ފުރަތަމަ މެޗެވެ.